29 Feb 2012, 17:57
މިޝިގަން (ފެބްރުއަރީ 29) : އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ރޭހުގައި ވާދަކުރައްވަމުން ގެންދަވާ މިޓްރުމްނީ، މިޝިގަންއާއި އެރިޒޯނާގެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފިއެވެ.
މިދެ ސްޓޭޓްގެ ތެރެއިން މިޝިގަންއަކީ ރުމްނީގެ އުފަންސްޓޭޓް ކަމަށްވިޔަސް އެސްޓޭޓްގެ އިންތިޚާބު އޭނާއަށް ކާމިޔާބުކުރެއްވުނީ ވަރަށް ބޮޑެތި އުނދަނގޫތަކެއް ހުރަސްކުރެއްވުމަށްފަހު ގައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. މިދެސްޓޭޓްގައި ރުމްނީއާ އެންމެ ބޮޑަށް ވާދަކުރެއްވި ކެންޑިޑޭޓަކީ ރިކްސެންޓްރޯމް އެވެ.
މިދެސްޓޭޓްގެ ވޯޓު ކާމިޔާބުކުރެއްވުމާއެކު ރުމްނީއަށްވަނީ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ރޭހުގައި ކުރިހޯއްދެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިވަޑައިގެންފައެވެ. ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީ ރޭސް ކާމިޔާބު ކުރެއްވިއްޖެނަމަ މިއަހަރުގެ ފަހުކޮޅު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް ބަރަކް އޮބާމާ ވާދަކުރައްވަން އިދިކޮޅު ރިޕަބްލިކަން ޕާޓީން ނުކުންނަވާނީ ރުމްނީއެވެ.
މިހާތަނަށް ރިޕަބްލިކަން ޕާޓީން ބޭއްވި ޕްރައިމަރީތަކުގެ ޖުމްލަ ވޯޓުން ރުމްނީއަށް 41 ޕަސެންޓް ލިބިފައިވާއިރު ރުމްނީއާ އެންމެ ބޮޑަށް ވާދަކުރައްވާ ރިކްސެންޓްރޯމް އަށް ލިބިވަޑައިގެންފައިވަނީ ޖުމްލަ ވޯޓުގެ 38 ޕަސެންޓެވެ. އެހެންކަމުން މިއަހަރުގެ ފަހުކޮޅު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުން މިހާރުގެ ރައީސް ބަރަކް އޮބާމާއާ ވާދަކުރެއްވުމުގެ ފުރްސަތު ރުމްނީއަށް ލިބުން ގާތީ ރުމްނީއަށް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ޚިޔާލު ހޯދުމުގެ ސަރވޭތައް ދައްކާގޮތުން އެމެރިކާގެ ރިޔާސީ ރޭސް ކާމިޔާބު ކުރެއްވުމުގެ ފުރްސަތު އެންމެ ބޮޑު ކެންޑީޑޭޓަކީ ރައީސް ބަރަކް އޮބާމާއަށެވެ. -- ރޮއިޓާސް