29 Feb 2012, 16:46
ގައުމީ ޔުނިވާ ސިޓީއަށް ޗާންސެލަރަކު ހަމަޖެއްސުމަށްޓަކައި ޔުނިވާސިޓީ އާއި އެކު މިހާރު މަޝްވަރާ ކުރަމުން ގެންދާކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ޗާންސެލަރުކަމަށް އައްޔަން ކުރައްވާނެ ބޭފުޅަކާއިމެދު ޔުނިވާސިޓީގެ އިސް ފަރާތްތަކާއެކު ރަސްމީ މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަޝްވަރާތައް ނިމުމުން ޗާންސެލަރު ކަމަށް ރައީސް ޑރ. ވަހީދު ބޭފުޅަކު އައްޔަން ކުރައްވާނެ ކަމަށެވެ. އަދި އެކަން ލަސް ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ޗާންސެލަރު އައްޔަން ކުރުމާއި މެދު ޔުނިވާސިޓީ އާއި އެކު މަޝްވަރާ ކުރަމުން މިގެންދަނީ. މަޝްވަރާ ތައް ނިމުމުން ޗާންސެލަރަކު ހަމަޖައްސަވާނީ،" އައްބާސް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވުމާއި އެކު ރައީސް ޑރ. ވަހީދުގެ ސަރުކާރަށް ފާޑުވިދާޅުވުމަށް ފަހު، ސަރުކާރާއި މެދު ހިންހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ޔުނިވާސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. މުސްތަފާ ލުތުފީ ވަނީ މިމަހުގެ 19 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ޔުނިވާސިޓީގެ ވައިސް ޗާންސެލާއަކީ ޑރ. ހަސަން ހަމީދެވެ.