މަސްތުވާތަކެތީގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ރާއްޖޭގައި ދެމުން އަންނަ ފަރުވާގެ ނިޒާމަށް މިއަހަރު ތެރޭގައި އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، (އެންޑީއޭ) ބޯޑުގެ ޗެއާ އަދި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝަމާއު ޝަރީފު ވިދާޅުވެއްޖެއެވެ.

މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ތިބި މީހުންނަށް ރާއްޖޭގައި ދޭ ފަރުވާއަކީ މީގެ 25 އަހަރު ކުރިން ފެށިގެން ދެމުން އަންނަ ޒަމާނަށް ނުފެތޭ ބޯދާ ފަރުވާއެއް ކަމަށްބުނެ، ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެންޑީއޭ ބޯޑު ޗެއާގެ ހައިސިއްޔަތުން ރާއްޖެ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ސަމާއު ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި ދެމުން މި އަންނަ ފަރުވާއަށް ހެޔޮ ބަދަލުތަކެއް ނުގެނެސް، މަސްތުވާތަކެތީގެ މައްސައަށް ހައްލެއް އަންނަތަން އޭނާއަށް ނުފެންނަ ކަމަށެވެ.

ސަމާއު ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާ ހޯދައިގެން މުޖުތަމައަށް ނުކުތުމަށްފަހު، ދެވަނަ ފަހަރު އަނބުރާ އެ ތަކެތީގެ ތެރެއަށް ވަންނަ މީހުންގެ އަދަދު އަންނަނީ ކަންބޮޑުވާ މިންވަރަށް އިތުރުވަމުން ކަމަށެވެ. އެހެންކަމުން މިހާތަނަށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި އެހެން ދިމާވާ މައިގަނޑު ސަބަބުތައް މިހާރު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަމާއު ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި ބޭނުންކުރާ އުމުރުފުރައަށް ވެސް ބަދަލު ތަކެއް އައިސްފައިވާއިރު، މިހާރު ކުރެވޭ މަސައްކަތުގައި ވެސް އެކަންކަމަށް ވަރަށް ބޮޑަށް ވިސްނާފައިވާނެ ކަމަށެވެ.

"އެކަމަށް ވަރަށް ބޮޑަށް ފޯކަސް ކޮށްގެން މިހާރު މިދޭ ފަރުވާ ވެސް ޒަމާނާ އެއްގޮތަށް، އެވިޑެންސް ބޭސްޑް ފަރުވާ ތަކެއް ތައާރަފް ކުރުމުގެ މަސައްކަތް މިހާރު މި ކުރެވެނީ. އެހެންވީމަ މި އަހަރު ތެރޭގަ މުޅިން އާ ގޮތަކަށް ފަރުވާގެ ކަންކަން ބަދަލުވާނެ،" ސަމާއު ވިދާޅުވިއެވެ.

ސަމާއު ވިދާޅުވީ އެވިޑެންސް ބޭސްޑް ފަރުވާގެ ނިޒާމެއް ތައާރަފު ކުރުމަށް ޓަކައި މިހާރު ކުރަމުން އަންނަ މަސައްކަތަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި، ކަމުގެ ތަޖުރިބާކާރު މާހިރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"މި ކުރެވޭ މަސައްކަތުގަ ރާއްޖެ އާ ރާއްޖެއިން ބޭރުގަ ތިއްބެވި ފަންނީ ބޭފުޅުންގެ ލަފާ ވެސް އެބަ ހޯދަން. މީގެ ތެރޭގަ އޮސްޓްރޭލިއާ އާއި ޔޫކޭގެ ކޮންސަލްޓެންޓުން ހިމެނޭ. އަދި ޑަބްލިޔޫއެޗްއޯ އާއި ޔޫއެންއޯޑީސީން ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން އެބަލިބޭ،" ސަމާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަސްތުން ސަލާމަތްވެގެން މުޖުތަމައުއަށް ނުކުންނަ ފަރާތްތަކަށް ކުރިމަތިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ ވަޒީފާ ނުލިބުމުގެ މައްސަލަ ކަމަށެވެ. ސަމާއު ވިދާޅުވީ ފަރުވާއަށް ގެންނަން އުޅޭ ބަދަލާއެކު އެފަދަ މައްސަލަ ތަކަށް ވެސް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށެވެ.

ސަމާއު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި، މަސްތުވާތަކެތީގެ ނުރައްކަލަށް މީހުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް މާލެ އާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް ކުރިއަށް ގެންދަން އެ އެޖެންސީން ނިންމާފައިވާ ކަމަށެވެ.