19 Oct 2021, 22:57
ފާއިތުވީ ދެ ދުވަހަށްފަހު ރާއްޖެއިން ކޮވިޑު-19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ސަތޭކައިން ދަށުގައި ހުރުމަށްފަހު މިއަދަދު އަނެއްކާވެސް ސަތޭކައިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އަލަށް ޕޮޒިޓިވްވީ 113 މީހުންނެވެ. އެއީ މާލޭ ސަރަހައްދުން ނެގި 1339 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 36 މީހުންނާ އެކުގައެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭ މާލޭ ސަރަހައްދުގައި ޕޮޒިޓިވިޓީ ރޭޓު އެއް ޕަސަންޓުގައި ހުރިއިރު އިއްޔެ މި ރޭޓު ހުރީ ދެ ޕަސަންޓުގައެވެ.
މުޅި ރާއްޖެއިން 3636 މީހުންގެ ސާމްޕަލް ނެގިފައިވާއިރު އަތޮޅު ތެރޭގެ ރަށްތަކުން ޕޮޒިޓިވް ވެފައިވަނީ 69 މީހުންނެވެ. އަދި ރިސޯޓުތަކުން މުޅިއެކު ހަ މީހުން ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދެ ދިވެއްސަކު ވަނީ ޕޮޒިޓިވްވެފައި ކަމަށްވެސް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.
މި ބަލީގައި 17 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. މިއާއެކު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 86،324އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދާ ހަމަައަށް 84،793 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 1279އެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 239އަކަށް އަރާފައެވެ.
ކޮވިޑްގެ ކޭސްތައް ފެނި 15 ރަށެއް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.