19 Oct 2021, 19:06
ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖުގެ ސިއްހީ ހާލު ގޯސްވެގެން އޭޑީކޭ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެން ފަރުވާދޭން ފަށައިފިއެވެ.
ސިރާޖުގެ އާއިލާ މެމްބަރަކު "ސަން"އަށް މައުލޫމާތު ދެމުން ބުނީ އެންމެ ފުތަރަމަ ކުޅުދުއްފުށިން ޑޮކްޓަރަށް ދެއްކީ އެއްފަޔާއި އެއް އަތުން ވާގި ދޫވާތީ ކަމަށެވެ.
އޭނާ ބުނީ ޑޮކްޓަރު، ބެލުމަށްފަހު މާބޮޑު މައްސަލައެއް ނެތް ކަމަށް ބުނެ ބޭހެއް ދިނުމަށްފަހު ގެއަށް ފޮނުވާލީ ކަމަށެވެ. އަދި ގެއަށް ފޮނުވާލި ފަހުން ވެސް އިތުރަށް އުނދަގޫ ތަކެއް ވާން ފެށުން ދެވަނަ ފަހަރު ގޮސް ޑޮކްޓަރަށް ދެއްކީ ކަމަށް އޭނާ ބުންޏެވެ.
"ކުޅުދުއްފުށީ ހޮސްޕިޓަލުން ބޭބެއާ މެދު ކަންކަން ކުރީ ވަރަށް ފަރުވާ ކުޑަކޮށް. އެހެންވެ އަމިއްލައަށް މާލެ އައިސް އޭޑީކޭއަށް ރޭގަމި ދެއްކީ. މިހާރު އޮތީ އެޑްމިޓް ކޮށްފަ. ހީވަނީ ސްޓްރޯކެއް ހެން. ސްޓްރޯކެއްގެ ހުރިހާ އަލާމާތެއް އެބަ ފެނޭ. ޓެސްޓް ތަކުގެ ނަތީޖާ ލިބުނީމަ އަސްލު މައްސަ ބުނަން އިނގޭނީ،" އާއިލާ މެމްބަރު ބުންޏެވެ.
އޭނާ ބުނީ މިވަގުތު އާއިލާގެ މެމްބަރުން ތިބީ ޓެސްޓްތަކުގެ ނަތީޖާ ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށެވެ.