ފަހަކަށް އައިސް ހުކުރު ދުވަސްދުވަހު ހުކުރު ވަގުތު ޖެހޭއިރުވެސް ބައެއް ފަރާތްތަކުން ކޮންސްޓްރަކްޝަން މަސައްކަތާއި އެ ނޫންވެސް އެފަދަ މަސައްކަތްތައް ހުއްޓާ ނުލާ ކުރަމުން ގެންދާ ކަމަށާއި ހުކުރު ވަގުތު އެފަދަ މަސައްކަތް ކުރާނަމަ އެމަސައްކަތެއް ހުއްޓުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓާ އައްޝައިހް ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަމާ ސަގާފަތް ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ މިނިސްޓްރީން ކުރަމުންގެންދާނެ ކަމަށާއި އެފަދަ މަސައްކަތްތައް ހުއްޓުވަން ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

"އެކަންތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރާނަން. ހުކުރު ވަގުތު މަސައްކަތް ކުރުމަކީ ރާއްޖޭގައި މީގެކުރިން ގަބޫލުކުރަމުން އައި އަދި ކުރާ ކަމެއް ވެސް ނޫން. ޣައިރު މުސްލިމުންގެ ބަޔަކު ލައްވާ ކުރުވަމުން ގެންދާ މަސައްކަތްތައް ވެސް ހުކުރު ވަގުތު ހުއްޓާލަން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ހުކުރު ދުވަހު ހުކުރުވަގުތު ޖެހޭއިރު ވެސް އެފަދަ މަސައްކަތްތައް ހުއްޓާނުލާ ކުރަމުންގެންދާ ކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ހުކުރު ވަގުތު އެފަދަ މަސައްކަތްތައް ކުރުމަކީ ގުރުއާނާއި ރަސޫލާގެ ސުންނަތާއި ހިލާފުކަމެއް ކަމުގައިވާއިރު އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންނަށް ހަނދުމަކޮށްދެން،" އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.