ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުގެ ތެރެއިން، މާދަމާ އަރިއަތޮޅު އުތުރު ބުރިއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އއ. އަތޮޅުގެ ހަ ރަށަކަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ހޭދަވާނީ ދެ ދުވަސް ކަމަށެވެ.

ރައީސް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި ވަނީ އއ. ތޮއްޑޫ، ރަސްދޫ އަދި އުކުޅަހުގެ އިތުރުން މަތިވެރި އާއި ބޮޑުފޮޅުދޫ އަދި ހިމަންދޫއަށެވެ.

އެ ދަތުރުފުޅުގައި ރައީސް، އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ކުރިއަށްގޮސްފައިވާ މިންވަރު ބައްލަވައިލައްވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ބައްލަވައިލައްވާ، ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވާނެ،" މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހު ކުރައްވާ ސިލްސިލާ ދަތުރުތަކުގައި އެންމެ ފަހުން ވަޑައިގަތީ ށ. އަދި ރ. އަތޮޅުގެ ރަށްރަށަށެވެ.

މިދިޔަ މަހުގެ ކުރީކޮޅު ރައީސް ކުރެއްވި އެ ދަތުރުފުޅުގައި ށ. އަތޮޅުން ވަޑައިގަންނެވީ ފުނަދޫ، ޅައިމަގު އަދި ފޯކައިދޫ އާއި މާއުނގޫދޫއަށެވެ. އަދި ރ. އަތޮޅުން ވާދޫ އާއި އަލިފުށީގެ އިތުރުން ރަސްގަތީމާއި އަނގޮޅީތީމަށް ވަޑައިގަންނެވިއެވެ.