19 Oct 2021, 14:18
ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާއިރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނޭ ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މާނަ ފުން ޓްވީޓެއް ކުރައްވައިފިއެވެ.
މިނިސްޓަރު މިފަދަ ޓްވީޓެއް ކުރައްވައިފައި މިވަނީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކި ކޮށްފައިވާ ކަން އެ މިނިސްޓްރީއަށް ރައީސް އޮފީހުން އަންގައިފައިވަނިކޮށެވެ.
މިނިސްޓަރު އިމްރާންގެ ޓްވީޓުގައި ވިދާޅުވީ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް ދިއުމުގެ ހިތްވަރު ހޯދާ ބަޔަކަށް ކަމަށެވެ.
"ކަންކަން ރަނގަޅު ކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތި ވުމަކީ ތަބީއީ ކަމެކެވެ. ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށެވެ." އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ވުޒާރާތައް ބަލަހައްޓާ ރައީސް އޮފީހުގެ ވެބްސައިޓުން, ހޯމް މިނިސްޓްރީގެ ބައި ވަނީ މިހާރު އުނިކޮށްފައެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް ރައީސް އޮފީހުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ އަންގައިފައެވެ.
މީގެ އިތުރުން ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގާފައިވާނެ ކަމަށްވެސް އެ ސިޓީގައިވެއެވެ. ހަމައެހެންމެ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.