ޕްރެމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާ އާއި ދެކޮޅަށް ކުޅޭ މެޗަކީ މެންޗެސްޓާ ޔުނައިޓެޑަށް ވަރަށް މުހިންމު މެޗެއް ކަމަށާއި އެމެޗުން މޮޅުވެއްޖެނަމަ، ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެކުލަބުގެ ކޯޗް ސާ އެލްކްސް ފާގަސަން ބުނެފި އެވެ.

ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ ފަހަތަށް ޖައްސާލުމަށް ފަހު، އެއްވަނަ އަށް އެރުމުގެ ފުރުސަތު އެންމެ ބޮޑީ މެންޔުނައިޓެޑަށެވެ. މިސީޒަނުގެ ތަށި މެންޔުނައިޓެޑުން ކާމިޔާބު ކޮށްފިނަމަ، އެތަށި ވެގެންދާނީ އެޓީމުގެ ވިހި ވަނަ ލީގު ތަށްޓަށެވެ.

"ޓޮޓެންހަމް އާއި ދެކޮޅަށް ކުޅޭ މެޗަކީ މެންޔުނައިޓެޑަށް ވަރަށް މުހިންމު މެޗެއް. އެމެޗުން އަހަރެމެން ސަލާމަތް ވެއްޖެނަމަ، ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އަހަރެމެންނަށް ބޮޑުވެގެން ދާނެ. އެމެޗުގައި އަހަރެމެންނަށް ލިބޭ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭތޯ މަސައްކަތް ކުރަން ޖެހޭނެ." ފާގަސަން ބުންޏެވެ.

މިސީޒަނުގައި ފާގަސަންގެ ކޯޗުކަމުގެ ދަށުގައި ކުޅެމުން ދިޔަ މެންޔުނައިޓެޑަށް އެންމެ ބޮޑު ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނީ ވެސް މެންސިޓީ އަތުންނެވެ. އެމެޗުން މެންޔުނައިޓެޑް ބަލީވީ 6-1 ލަނޑުންނެވެ. ލީގުގެ އެއްވަނާގައި މެންސިޓީ އޮތީ ދެޕޮއިންޓްގެ ލީޑަކާ އެކުއެވެ.