19 Oct 2021, 11:41
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ބާވަތްތައް އަތުލައިގަނެ، ނައްތާލުމުގައި ބޮޑެތި ކުރި އެރުންތަކެއް ހޯދައިފައިވާ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވަމުން އަންނާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މަޖިލީހަށް ހުށަހަޅައިފައިވާ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ސަލީމް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ހެޔޮ ނިޔަތުގައި އެންމެ ބޮޑު މަސައްކަތެއް ކުރަމުން އަންނަނީ މި ސަރުކާރުން ކަމަށެވެ.
އިދިކޮޅުން މަސައްކަތް ކުރަނީ އިއްޔެގެ ހަގީގަތް އޮޅުވާލަން ކަމަށާއި ދައުލަތުން ސްޕޮންސާ ކޮށްގެން މިކަން ކުރަމުން އަންނަ ކަމަށް އިދިކޮޅުން ބުނި ނަމަވެސް އެއީ ކުރިން އެކަން އޮތް ގޮތް ކަމަށް ސަލީމް ވިދާޅުވިއެވެ.
"ހަގީގަތުގައި [އިދިކޮޅުގެ] ކަންބޮޑުވުމަކީ މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު ރާއްޖޭގަ މިއަދު މައްޗަށް ދާތީ، ކަންބޮޑުވެވަޑައިގެން މިއަދު މައްސަލަ ހުށަހަޅުއްވަނީ،" ސަލީމް ވިދާޅުވިއެވެ.
ސަލީމް ވަނީ ފުލުހުން ފާއިތުވި އަހަރުތަކުގައި އަތުލައި ގަތް މަސްތުވާތަކެތީގެ އަދަދުތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ. އެގޮތުން 2018 ވަނަ އަހަރު އަތުލައިގަނެވުނީ ނުވަ ކިލޯ ކަމަށާއި ޖެހިގެން އައި އަހަރު 284 ކިލޯ އަތުލައިގެންފައިވާ ކަމަށް ސައްލޭ ވިދާޅުވިއެވެ. މިދިޔަ އަހަރު 372 ކިލޯ އަދި މި އަހަރު މިހާތަނަށް 315 ކިލޯ އަތުލައިގެންފައިވާ ކަން ސަލީމް ފާހަގަކުރެއްވިއެވެ.
ސަލީމް އިތުރަށް ވިދާޅުވީ އަދަދުތައް އިތުރުވެފައިވަނީ އެކަމަށް އިތުރަށް ފާރަވެރިވެ، އިދާރާތަކުން ކުރަމުން އަންނަ ބުރަ މަސައްކަތުގެ ސަބަބުން ކަމަށެވެ.
"ރަނގަޅު ނިޔަތުގައި، ރަނގަޅު މާނައިގައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް އެބަ ކުރޭ، މަސްތުވާތަކެތި ނައްތާލުމުގެ މަސައްކަތް އެބަ ކުރޭ، ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އެބަ ކުރޭ،" ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ މަސައްކަތް ހުއްޓުވުމަށްޓަކައި، ސީދާ ރައީސް ސޯލިހުގެ ބެލުމުގެ ދަށުން ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ހިންގޭ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުން ތަހުގީގީ މަރުހަލާއާއި ކޯޓު މަރުހަލާގައި މިނިވަން ވަމުން އަންނަ ކަމަށެވެ. އަދި މިއީ ދައުލަތުން ފަންޑު ކޮށްގެން ހިންގާ ޖަރީމާއެއްގެ ގޮތުގައި އާދަމް ޝަރީފް ސިފަކުރައްވައިފައިވެއެވެ.