19 Oct 2021, 10:46
ސަރުކާރުގެ ވުޒާރާތައް ބަލަހައްޓާ ރައީސް އޮފީހުގެ ވެބްސައިޓުން, ހޯމް މިނިސްޓްރީ 'ގެއްލިއްޖެ'އެވެ.
ސަރުކާރުގެ ވުޒާރާއަކަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތު ފެންނަ ގޮތަށް, ހުރިހާ ވުޒާރާތަކެއް ކުރިން ލިސްޓްކޮށްފައި ހުރި ނަމަވެސް, މިއަދު ކުއްލިއަކަށް އެބައިން, ހޯމް މިނިސްޓްރީ ވަނީ ގެއްލިފައެވެ.
ރައީސް އޮފީހުގެ ސައިޓުން ކުއްލިއަކަށް ހޯމް މިނިސްޓްރީ ގެއްލިފައިވާއިރު, އެ މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފައިވާކަން އަންގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުވައްފައިވާ ސިޓީއެއް ވަނީ ލީކުވެފައެވެ.
ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް ހިމަނައި ރައީސް އޮފީހުގެ ސައިޓްގައި ޝާއިއުކޮށްފައިވާ ބައި ----
އެކަމާއި ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައިވެއެވެ.
މީގެ އިތުރުން ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގާފައިވާނެ ކަމަށްވެސް އެ ސިޓީގައިވެއެވެ. ހަމައެހެންމެ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.