29 Feb 2012, 16:20
ލިވަޕޫލް ފޯވާޑް ކްރެއިގް ބެލަމީ ވޭލްސް ގައުމީ ޓީމަށް ކުޅުން ހުއްޓާނުލުމަށް ވޭލްސް ގައުމީ ޓީމުގެ ކެޕްޓަން އާރޮން ރަމްސީ ގޮވާލައިފި އެވެ.
ރަމްސީ އަށް އަނިޔާވުމުން ކޮސްޓަ ރިކާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކެޕްޓަންކަން އަދާކުރާނީ ބެލަމީ އެވެ. މިއީ ވޭލްސް ގައުމީ ޓީމުގެ ކުރީގެ ކޯޗު ދަންޖެހިގެން މަރުވުމާއި ގުޅިގެން އޭނާގެ ހަނދާނުގައި ކުޅޭ އެކުވެރިކަމުގެ މެޗެކެވެ. މިމެޗަކީ ގައުމީ ޓީމަށް ބެލަމީ ކުޅޭ އެންމެ ފަހު މެޗުކަމަށް އޭނާ ދާދި ފަހުން ހާމަކޮށްފައި ވެއެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ވޯލްކަޕް ނިމެންދެން ވޭލްސް ގައުމީ ޓީމާއި އެކު ބެލަމީ ހުރުމަށް ރަމްސީ ގޮވާލާފައި ވެއެވެ.
"ބެލަމީ އަކީ ވޭލްސް އަށް ލިބެމުންދާ ކާމިޔާބީތަކުގެ ފަހަތުގައިވާ މުހިންމު ކުޅުންތެރިއެއް. އޭނާ އަކީ އެހެން ކުޅުންތެރިންނަށް ބިރެއްކަން އޭނާ ވަނީ ސާބިތު ކޮށްދީފައި. ބެލަމީގެ ތަޖުރިބާ އަކީ ގައުމީ ޓީމަށް ވަރަށް ބޭނުން އެއްޗެއް. 2014 ވަނަ އަހަރުގެ ވޯލްކަޕް ނިމެންދެން ގައުމީ ޓީމާއި އެކު ހުރުމަށް އެދެން،" ރަމްސީ ބުންޏެވެ.
ވޭލްސް ގައުމީ ޓީމަށް 1998 ވަނަ އަހަރުން ފެށިގެން ކުޅެން ފެށި ބެލަމީ ވަނީ އެޓީމަށް ނަވާރަ ގޯލު ކާމިޔާބު ކޮށްދީފަ އެވެ.