19 Oct 2021, 09:59
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މުޖުތަމައު ތެރެއަށް ދޫވަމުން އަންނާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް މި މައްސަލަ ހުށަހަޅައިފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތި ހުއްޓުވުމަށް ހިންގޭ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވޭ މީހުން ތަހުގީގީ މަރުހަލާއާއި ކޯޓު މަރުހަލާގައި މިނިވަން ވަމުން އަންނަ ކަމަށެވެ.
"މިފަދަ މީހުން [މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއަކަށް ކުރާ މީހުން] ތަހުގީގީ މަރުހަލާއާއި ކޯޓު މަރުހަލާއިން މިނިވަން ވެ، މުޖުމައުގެ ތެރެއަށް ދޫވުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭތީ އާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރެވޭ ބައެއް ފަރާތްތައް ރާއްޖެއިން ބޭރަށް ފުރައިގެން ދާއިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅާތީ،" އާދަމް ޝަރީފްގެ ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބޭރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެތި ނެޓްވޯކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރުކުރާ މިންވަރު އިތުރުވެ، މަސްތުވާތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައިވާ ކަމަށް އެ މައްސަލައިގައިވެއެވެ. އަދި މަސްތުވާތަކެތި އެތެރެކުރާ ބައެއް މީހުންނާ މެދު ފިޔަވަޅު ނާޅައި، އެފަދަ ފަރާތްތައް ކޯޓު މަރުހަލާއިން ދޫ ވާ މައްސަލަ އިސްތިއުނާފު ނުކުރާ ކަމަށްވެސް މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.
ހަމައެހެންމެ މަސްތުވާތަކެތި ބޭނުން ކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެ، ހިނގާ ބިނގާވެ އުޅުމަށް ބިރުގަންނަ ވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާތަކެތި ބޭނުންކޮށްގެން އުޅޭ މީހުން ގިނަވެފައިވާ ކަން ފާހަގަކޮށްފައިވެއެވެ.
"ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކަމުން ދަނީ މުޅި ދައުލަތް ބައިވެރިވެގެން ހިންގާ ސްޓޭޓް ސްޕޮންސާޑް ވިޔަފާރިއެއްގެ ގޮތުގައި ކަމަށް ބެލެވޭ މިންވަރަށް ވާތީއާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ފާޅުކަން ބޮޑު ގޮތެއްގައި ދޫވަމުން ދާތީވެ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި މި ކުއްލި މައްސަލަ ހުށަހަޅަން،" ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
އާދަމް ޝަރީފްގެ ކުއްލި މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުން ފާސްކޮށްފައިވަނީ ޖަލްސާއަށް ހާޒިރުވެ ތިިއްބެވި 27 މެންބަރުންގެ ތެރެއިން 23 މެންބަރުންގެ ވޯޓާއެކުގައެވެ. މި މައްސަލައަށް ބަހުސް ކުރައްވަން ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.
އާދަމް ޝަރީފް މި މައްސަލަ ހުށަހެޅުއްވިއިރު، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ހިންގި އޮޕަރޭޝަނެއްގައި 100އެއްހާ ކިލޯގެ ހެރޮއިން އަތުލައި ގަތް މައްސަލައެއްގައި އިސްކޮށް ތިބި ދެ މީހަކު ވަނީ ކޯޓުން އަމުރުކޮށްގެން ދޫކޮށްލައިފައެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން ވަނީ އެދިފައެވެ.