ރާއްޖެއިން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 3,668 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ އެންމެ 46 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 22 މީހަކާއި މާލެއިން 14 މީހުންނެވެ.

މީގެ އިތުރުން، ރިސޯޓުތަކުން ނުވަ މީހަކާއި ލިބްއެބޯޑުތަކުން މީހަކު ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،242 އެވެ.

މި ބަލީގައި 13 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އަންނައިރު ބަލި ޖެހުނު މީހުންގެ އަދަދު 86,211 އަށް ވަނީ އަރައިފައެވެ. އޭގެ ތެރެއިން 84,718 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް ޖެހިގެން މިއަދު ވެސް މީހަކު މަރުވެފައިވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 239 އަށް އަރައިފައެވެ.

މިއަދު މަރުވެފައިވަނީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކެވެ.

އޭނާ މަރުވެފައިވަނީ މިރޭ 06:35 ގައެވެ. މިއީ މި ބަލި ޖެހިގެން އައްޑޫން މަރުވި ހަ ވަނަ މީހާއެވެ.