މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފައިވާކަން އަންގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުވައްފައިވާ ސިޓީއެއް ލީކުވެއްޖެއެވެ.

ލީކުވެފައިވަނީ މި މަހުގެ 14 ވަނަ ދުވަހު މިނިސްޓަރު އިމްރާނަށް ފޮނުވައިފައިވާ ސިޓީއެކެވެ.

ސިޓީގައިވާ ގޮތުން ފުލުހުންގެ އާ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ހިންގުން ނިމުމަކަށް ގެނައީ ފުލުހުންގެ އާ ގާނޫނަށް އަމަލުކުރަން ފެށި ދުވަސްކަމުގައިވާ މި އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ސިޓީގައިވެއެވެ.

މީގެ އިތުރުން ފުލުހުންގެ މުވައްސަސާ އެ މިނިސްޓްރީގެ ދަށުން ނެގުމުން، ދެން އެ މިނިސްޓްރީން އަދާކުރަން ޖެހޭ ޒިންމާތައް ލިޔުމުން އަންގާފައިވާނެ ކަމަށްވެސް އެ ސިޓީގައިވެއެވެ. ހަމައެހެންމެ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެހެން މުވައްސަސާތައް ހިންގަމުން ގެންދިއުމަށް ވެސް އެ ސިޓީގައި މިނިސްޓަރު އިމްރާނަށް ވަނީ އަންގާފައެވެ.

މި ސިޓީއާ ގުޅިގެން ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.