18 Oct 2021, 20:18
ކޮވިޑް-19 ޖެހިގެން އައްޑޫއިން އިތުރު މީހަކު މަރުވެއްޖެއެވެ.
އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ އިރާކޮޅު މަރުވެފައިވާ ކަމަށެވެ.
އޭނާ މަރުވެފައިވަނީ މިރޭ 06:35 ގައެވެ.
މިއީ މި ބަލި ޖެހިގެން އައްޑޫން މަރުވި ހަ ވަނަ މީހާއެވެ.
މި މީހާގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 239 އަށް އަރާފައެވެ.
މިދިޔަ ހަފްތާގެ ބުދަ ދުވަހު ވެސް އައްޑޫއިން ކޮވިޑް ބަލީގެ މީހަކު މަރުވެފައިވެއެވެ.
ކޮވިޑް ޖެހިގެން މާލެ ސަރަހައްދުން އެންމެ ފަހުން މީހަކު މަރުވެފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
އެޗްޕީއޭ އިން އިއްޔެ އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ، އަތޮޅުތެރެއިން 34 މީހަކާއި މާލެއިން 25 މީހުން އަދި ރިސޯޓްތަކުން ނުވަ މީހެއްގެ އިތުރުން ސަފާރީތަކުން ހަ މީހެކެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 1،287 އެވެ.
މި ބަލީގައި 12 މީހަކަށް މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާދެމުން އެބަދެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު 86,165 އަށް އަރައިފައިވާއިރު އޭގެ ތެރެއިން 84,627 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.