ސާބިތު ކުރެވޭ ވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާތީ ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ދެ މީހެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފައިވަނީ އަމިއްލަ ދަރިފުޅާއިއެކު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ދައުވާ ދައުލަތުން ކުރި ހދ. ކުމުންދޫ، ހިމާލިޔާ، އާދަމް ގާސިމްގެ މައްޗަށާއި ކުޑަކުއްޖަކާއި މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ދައުވާ ކުރި އއ. ތޮއްޑޫ، އަނބުމާގޭ އަޝްފާގު މޫސާގެ މައްޗަށެވެ.

އަމިއްލަ ދަރިފުޅާއި އެކު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު 24، 2010 ގައެވެ. އަދި ކުޑަކުއްޖަކާއި މެދު ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އަޝްފާގު މޫސާގެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ނޮވެމްބަރު 9، 2010 ގައެވެ.

މި ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމް ކުރި އިރު ޚާއްސަ އެހީއަށް ބޭނުންވާ އުމުރުން 15 އަހަރުގެ ކުޑަފިރިހެން ކުއްޖަކު ގެސްޓް ހައުސްއަކަށް ގެންގޮސް، އޮރިޔާން މައްޒަރު ދައްކުވައިދޭ ފޮޓޯ ދެއްކުމަށް ފަހު، އެ ކުއްޖާއާ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި އދ. މަހިބަދޫ، މުޝްތަރީގޭ ހާމިދު ޤާސިމް،32 10 އަހަރަށް ޖަލަށް ލުމަށް މިމަހުގެ ތެރޭގައި ވަނީ ހުކުމްކޮށްފަ އެވެ.

މީގެއިތުރުން އުމުރުން ހަތް އަހަރުގެ އަންހެން ދޮންދަރިއާ މެދު ތަކުރާރުކޮށް އެކި ދުވަސްމަތިން ގަދަކަމުން ބަދުއަޚުލާގީ އަމަލުހިންގި ކަމުގެ ކުށް ސާބިތުވެ މާލޭ ދަފްތަރު ނަމްބަރު 4115، މޫސާ ދީދީ 15 އަހަރަށް ޖަލަށް ލުމަށްވެސް މިމަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
އަދި 2010 ވަނަ އަހަރު އުމުރުން 11 އަހަރުގެ ކުޑަ ކުއްޖަކާ މެދު އެއްޖިންސުން ގުޅުން ހިންގިކަން ޝަރީއަތަށް ސާބިތުވެ ބަގުލަދޭޝްގެ މުހައްމަދު އާމިރުއްދީން، 29، 10 އަހަރަށް ޖަލަށް ލުމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.