ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގެ ޕޯޓު ތަރައްގީކުރުމަށް 200 މިލިއަން ރުފިޔާ ވަރު ޚަރަދުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ކުޅުދުއްފުއްޓާއި އައްޑޫ ހިތަދޫ ޕޯޓުގެ ޑިވެލޮޕްމެންޓް ޕްލޭނެއް އެމްޕީއެލްގެ ފަރާތުން މިހާރު ރާވައިފައިވާ ކަމަށާއި މި ދެ ޕޯޓުގެ ތަރައްގީގެ މަސައްކަތްތައް ކުރަން ނިންމައިފައިވާ ކަމަށެވެ.

ކުޅުދުއްފުށީ ޕޯޓުގައި މިހާރު ދިމާވާ ދަތިކަމާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓުގެ ބަނދަރަކީ ޖާގައިގެ ގޮތުން ދަތި ތަނެއް ކަމަށެވެ. އެގޮތުން އެތަނަށް ވަދެވެނީ ވަރަށް ކުދި ބޯޓުތަކަށް ކަމަށާއި ބޮޑު ބޯޓެއް އައުމުން ޖެހެނީ އެންކަރޭޖްގައި ބާއްވައިގެން އެހެން އުޅަނދަކަށް މުދާ ބާލަން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެހެންކަމުން ކުޅުދުއްފުށި ޕޯޓު ތަރައްގީކުރުމަށް މިހާރު ރާވައިފައިވަނީ ތަންކޮޅެއް ފުން ކީވޯލެއް ލިބޭ ގޮތަށް، ކީވޯލް ބޭރަށް ދިގުކޮށްގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.

"ތަންކޮޅެއް ޑީޕް ވޯޓާ ކީވޯލެއް ލިބޭގޮތަށް ކުޅުދުއްފުށީގެ ކިޔުވޯލް އެކްސްޓެންޑް ކުރުމަކީ އަޅުގަނޑުމެންގެ ޕްލޭނެއް. މިހާރު އަޅުގަނޑުމެން މާސްޓާ ޕްލޭން ހެދުމަށްފަހު އެމްޓީސީސީ އާ ގުޅިގެން ޓެކްނިކަލް ޑީޓެއިލް ޑިޒައިނެއް ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ އެ ބަނދަރު ހެދުމާއެކު އުތުރުގައި ލޮޖިސްޓީކަށް ވަރަށް ބޮޑު ސަޕޯޓެއް ލިބިގެންދާނެ ކަމަށެވެ. ހަމައެއާއެކު މުދާ އަރުވާ ބޭލުމުގެ ހަރަދު ވެސް ކުޑަވެގެންދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ ހިތަދޫ ޕޯޓަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ހިތަދޫ ޕޯޓުގެ ކީވޯލް ހުންނަ ސަރަހައްދަކީ ގަމު ކަނޑާއި ވިލިގިނލި ކަނޑުގެ މެދަށް ކަމަށް ވުމުން، އެ ތަނުގެ ބާނި އޮންނަ ގޮތުގެ ސަބަބުން އެ ތަނާ ކައިރިކޮށްފައި އޮންނަ ބޯޓުތައް ވަރަށް ބޮޑަށް ހެލުވުން ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ރައްކާތެރިކަމާއެކު މުދާ ބޭލުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ޑީޓެއިލް ޑިޒައިނެއް ހެދި އެމްޓީސީސީއާ މަޝްވަރާ ކޮށްގެން ރައްކާތެރި ބަނދަރެއް ހެދުމުގެ މަސައްކަތް އެމްޕީއެލް އިން ކުރިއަށް ގެންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓުގެ އަޕްގްރޭޑިން މަސައްކަތަށް ޖުމްލަ 200 ވަރަކަށް މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ކުޅުދުއްފުށީ ޕޯޓުގެ މުޅި ޕްރޮޖެކްޓަށް އަޅުގަނޑު އެސްޓިމޭޓް ކުރަނީ 70 ނޫނީ 80 މިލިއަން ރުފިޔާ ދާނެކަމަށް. މީ ހަމައެކަނި ކީވޯލްގެ މަސައްކަތަށް. އޭގެ އިތުރަށް އިކުއިޕްމެންޓް ހޯދަން ޖެހޭނެ. ހިތަދޫ ޕޯޓުގެ ވެސް ކީވޯލް އަދި ބްރޭކް ވޯޓާ ވަސީލަތްތަކަށް ގާތްގަނޑަކަށް ހަމަ 70 އާ 100 އާ ދޭތެރޭ ހަރަދު ވާނެކަމަށް ލަފާ ކުރެވޭ. އަދި ޔާޑާ ލައިޓިންއާ ދެން ހޯދަން ޖެހޭ އިކުއިޕްމެންޓް ހޯދުމަށް މަސައްކަތް ކުރަން ޖެހޭނެ. ދެޕޯޓަށް ވެސް ގާތްގަނޑަކަށް ޖުމުލަ 100 މިލިއަން ހަރަދު ވާނެ،" ޝާހިދު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ކުޅުދުއްފުށި ޕޯޓާއި، އައްޑޫ ހިތަދޫ ޕޯޓަކީ ބޭރުގެ ބައެއް ބޯޓުތަކުން ވެސް މުދަލާއެކު ލަފާ ޕޯޓުތަކެކެވެ. ހަމައެއާއެކު މި ދެ ޕޯޓުގައި ވެސް މަސައްކަތް ކުރަމުން އަންނަނީ 99 އިންސައްތަ ދިވެހި މުވައްޒަފުންނެވެ.

އެމްޕީއެލް އިން އަންނަނީ ގިނަ ޒުވާނުންތަކެއް ތަމްރީނުކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެމުންނެވެ.