ގައުމީ ޔުނިވާސިޓީގެ ބައެއް ފެކަލްޓީތަކުގެ ޑީނުންގެ މަގާމަށާއި ސެންޓަރުތަކުގެ ވެރިންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފި އެވެ. ޔުނިވާސިޓީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބޭފުޅުން އައްޔަން ކުރައްވާފައިވަނީ އެތަނުގެ ދެ ފެކަލްޓީއަކަށް ދެ ޑީނުންނާއި ދެ ސެންޓަރަކަށް އިސްވެރިންނެވެ.

އެގޮތުން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ މަގާމަށް އައްޔަންކުރައްވާފައިވަނީ ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަން (ސީއެސްއައިއާރުއޯ) ގެ ސައިންޓިސްޓެއް ކަމަށްވާ ޑރ. އަލީ ޝަރީފެވެ. އަދި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމަށް ހަމަޖައްސާފައިވަނީ ފިގްހު އިލްމުވެރިއެއް ކަމަށްވާ ޑރ. އަބްދުއްސައްތާރު އަބްދުއްރަހްމާން އެވެ.

އަދި ސެންޓަރުތަކަށް ހަމަޖެއްސެވި އިސްވެރިންގެ ތެރޭގައި ސެންޓަރު ފޯ އޯޕަން ލާނިންއަށް މާސްޓާސްއިން އީ ލާނިން ހައްދަވާފައިވާ ރާމިޒް އަލީ ހަމަޖެއްސެވި އިރު ކެޕްޓަން ގާސިމް މުހައްމަދު ފުޅު ހަމަޖައްސާފައިވަނީ ސެންޓަރު ފޯ މެރިޓައިމް ސްޓަޑީޒް އަށެވެ. އެ މަގާމުތަކާއި އެކު ފެކަލްޓީގެ ރެޖިސްޓަރަކަށް ވެސް ވަނީ ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެގޮތުން އެމަގާމަށް އައްޔަން ކުރައްވާފައިވަނީ އާއިޝަތު އަލީއެވެ.

ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސަލާ އައްޝައިހް ފައްޔާޒު އަލީ މަނިކު މިއަދު ވިދާޅުވީ މިއަދު އައްޔަން ކުރި ހަތަރު ބޭފުޅުންގެ ތެރެއިން އަބްދުއްރަހްމާންއާއި ރާމިޒް އަލީ އަކީ ކުރިވެސް ފެކަލްޓީގައި މަސައްކަތްކުރައްވަމުން ގެންދެވި ދެ ބޭފުޅުން ކަމަށާއި ސައިންޓިސް އަލީ ޝަރީފާއި ކެޕްޓަން ގާސިމް މުހައްމަދު ފުޅަކީ ފެކަލްޓީން ބޭރުން އައްޔަން ކުރެއްވިފައިވާ ދެ ބޭފުޅުން ކަމަށެވެ.

ފައްޔާޒު އަދި ވިދާޅުވީ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއަށާއި ފެކަލްޓީ އޮފް އެންޖިނިއަރިން ޓެކްނޮލޮޖީގެ ޑީން ކަމަށް ބޭފުޅުން ވަރަށް އަވަހަށް އައްޔަން ކުރެވޭނެ ކަމަށާއި އެގޮތުން އޭގެ ތެރެއިން އެއް ފެކަލްޓީއަށް ބޭފުޅަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.