18 Oct 2021, 08:43
މާލޭ ވަޅޯ މަސް މާރުކޭޓު ކައިރީ މަސް ބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު މިއަދު ހެނދުނު 06:52ގައި ފުލުހުންނަށް ލިބިފައިވާކަމަށެވެ. އަދި އެ މީހާ މަރުވިކަން އައިޖީއެމްއެޗުން 07:20ހާއިރު އެންގި ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާގައި މަރުވެފައިވަނީ 59 އަހަރުގެ ފިރިހެނެކެވެ. އަދި ފުލުހުން ވަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ.
ރާއްޖޭގެ މޫސުން ގޯސްވެފައިވާ ކަނޑުމަތީގެ ހިތާމެވެރި ހާދިސާތައް އަންނަނީ ހިނގަމުންނެވެ. އަދި ކޮންމެހެން ކުރަން ޖެހިގެން ނޫން ގޮތަކަށް ކަނޑު ދަތުރުފަތުރު ނުކުރުމަށް ވެސް ކޯސްޓް ގާޑުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ވަނީ ވައިޓް އެލާޓް ވެސް ނެރެފަައެވެ.
ރާއްޖެއަށް މިދުވަސްވަރު، ކުރަމުން މި އަންނަ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓް އޮފީހުން ބުނެއެވެ.