ދ. ކުޑަހުވަދޫ ސަމަންދަރުގޭ، އަލީ ހަސަން(އައްޔުބެ)ގެ މެޔަށް ދަގަނޑުޖަހައި ތޫނު އެއްޗަކުން ކަރުބުރިކޮށްލައި ރަހުމްކުޑަ ގޮތަކަށް މަރާލި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން ތިން މީހުންގެ ތަހުގީގު ނިންމާ ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އައްޔުބޭ މަރާލި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ތިން މީހެއްގެ ތަހުގީގު ނިންމާ މިދިޔަ މަހުގެ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. ޕީޖީ އޮފީހަށް ފޮނުވީ ކޮން ތިން މީހެއްގެ މައްސަލަކަމެއް އޮފިޝަލް ވިދާޅެއް ނުވެއެވެ.

"އައްޔުބޭގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރު ކުރި ތިން މީހެއްގެ ތަހުގީގު ނިންމާ މިދިޔަ މަހުގެ ތެރޭގައި ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ އަނެއް ތިންމީހުންގެ ތަހުގީގު އަދި ނިމިފައި ނުވާކަމަށާއި އެމީހުންގެ ތަހުގީގު ނިމުނުހާ އަވަހަކަށް ޕީޖީ އޮފީހަށް މައްސަލަ ހުށަހަޅާނެކަމަށް ވެސް އޮފިޝަލް ވިފދާޅުވިއެވެ.

އައްޔުބޭގެ މަރުގެ މައްސަލައިގައި ހިމެނޭ ތިން މީހަކު ފުލުހުން ވަނީ މާލެ ގެނެސްފައެވެ.

ސަންއޮންލައިންނަށް ޔަގީންވެފައިވާގޮތުގައި އައްޔުބޭގެ މަރުގެ މައްސަލައިގައި ފުލުހުން މާލެ ގެނެސްފައި ވަނީ އެ މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާއާއި ކުޑަހުވަދޫ، ފަނަސް ފައުޒާމް މުހައްމަދު އަދި އެރަށު ރަނަކުރި އިބްރާހިމް މާޖިދު އެވެ. އެތިން މީހުންވެސް ތިބީ ކޯޓުއަމުރާއިއެކު ފުލުހުންގެ ހައްޔަރުގަ އެވެ.