18 Oct 2021, 00:03
މަތީ ތައުލީމަށް ކުރިމަތިލާ ކުދިން ކުރިމަގު ބައްޓަންކުރާނެ ދާއިރާއަކާ މެދު އެ ކުދިން ވިސްނާއިރު ސަރުކާރުން އޮތީ އެ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް އެ ކުދިން ގެންގޮސްދޭން ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި މޭރުމުން ވިދާޅުވީ 2019 ވަނަ އަހަރުގެ މަތީ ޘާނަވީ އިމްތިހާނުތަކުގެ މަތީ ވަނަތަކަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް މިރޭ ތާޖުއްދީން ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މަތީ ޘާނަވީ ނިންމައި މަތީ ތައުލީމަށް ކުރިމަތިލާއިރު، އެ ފެށެނީ ގައުމު އާރާސްތުކުރުމުގެ މަސައްކަތަށް ދަރިވަރުންގެ ވިސްނުން އަމާޒުކުރަންވީ މަރުޙަލާކަމަށެވެ. އެހެންކަމުން އެ މަރުހަލާގައި އެ ކުދިންގެ ވިސްނުން އަމާޒުކުރި ކޮންމެ މިސްރާބަކަށް ގެންގޮސްދިނުމުގައި ސަރުކާރު އޮތީ ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސްގެ އަރިހުގައި ވަނަވަނަ އަށް އައި ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވުމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި ރާއްޖޭގައި ހުރެގެން ވިޔަސް އަދި ރާއްޖޭން ބޭރުން ވިޔަސް، އެކުއްޖަކު ބޭނުން ދާއިރާއަކުން މަތީ ތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައެވެ.
މީގެ އިތުރުން އެކާވީސް ވަނަ ސައްތައިގެ ތައުލީމުގެ އަމާޒަކީ، އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަދި ޓެކްނޮލޮޖީގެ ގޮތުން މުޖްތަމައަށް އަންނަމުންދާ ހަލުވި ބަދަލުތަކާއި ކުރިއެރުންތަކަށް އިޖާބަދެވޭ ފަދަ ދަރިންތަކެއް އުފެއްދުންކަމުގައި ވިދާޅުވުމާއެކު، އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކާވީސް ވަނަ ސައްތައިގެ ތައުލީމު އަމާޒު ހިފާފައިވަނީ، އެ ކުދިންގެ ހަޔާތުގައި މިހާތަނަށް ނުއުފަންނަ ވަޒީފާތަކަކަށް އެ ކުދިން ތައްޔާރުކޮށްދިނުމަށްކަމުގައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޓެކްނޮލޮޖީގެ ޒަމާނުގައި ވަޒީފާއަކީ ވަކި ތަނަކުން ވަކި މީހަކު ދޭ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހާ އަމިއްލައަށް އުފަންކުރުވާ އެއްޗެއްކަމުގައެވެ.
އަދި، މުސާރައަކީ ވެސް ވަކި މިންވަރެއް ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫންކަމަށާއި، އެއީ އެމީހެއްގެ އުފެއްދުންތެރިކަމަށް ބިނާކޮށް އޭނާ އަމިއްލައަށް ކަނޑައަޅާ އެއްޗެއްކަމުގައި ރައީސް ވިދާޅުވިއެވެ.
މިގޮތުން، އެފަދަ މީހަކަށް ވެވޭނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާ އުފެއްދުންތައް ނެރެވޭ ފަދަ އީޖާބީ ވިސްނުންތައް ސިކުނޑީގައި އުފަންކުރުމުގެ ގާބިލްކަން ހޯދައިގެންކަމަށާއި، ކުދިން ގަދައަޅައި މަސައްކަތް ކުރަންވީ، ވަޒީފާތަކާއި މުސާރައިގެ ފުރުސަތުތައް، ކުދިންގެ ފަހަތުން އަންނަ ފަދަ ބަޔަކަށް ވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިކިޔާ 21 ވަނަ ސައްތައިގެ އުފެއްދުންތެރި ޒުވާނުން ބިނާވާނީ އޭރުން. އެފަދަ ޒުވާނުން ގައުމުގެ ހިންގުމާ ހަވާލުވާނީ. ވަކި ތައްގަނޑަކަށް ގައުމުގެ ކުރިމަގު ފެއްތުމުގެ ބަދަލުގައި، ޒަމާނީ ތަރައްގީއާ ފައިހަމަވާ ގޮތަށް، ގައުމީ ތަރައްގީގެ ދުވެލި ހަލުވިކުރުމަށް. މިޒަމާނުގެ ތަރައްގީއާއި ކުރިއެރުން ހާސިލްކުރެވެން އޮތީ، އީޖާބީ ވިސްނުންތައް ސިކުނޑިތަކުގައި އުފަންކުރުވައިގެން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަދު ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ ޓީޗަރުންނާއި ވަގުތީ ޓީޗަރުން އިތުރުވަމުން ދަނީ ކަންބޮޑުވާންޖެހޭ މިންވަރަކަށް ކަމަށެވެ.
އެހެންކަމުން މިކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ނުކޮށްފިނަމަ، ތައުލީމީ ދާއިރާއަށް ބޭނުންވާ މުދައްރިސުންނާއި، ތައުލީމީ މަންހަޖު ތަރައްގީކުރާނެ މީހުންނާއި، އަދި ޕްރިންސިޕަލުން ރާއްޖޭން ނުލިބުމުގެ ބިރު ބޮޑުވެފައިވާކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އަދި، މިކަން މިގޮތަށް ދޫކޮށްލެވިއްޖެނަމަ، ކުރިމަގުގެ ޖީލަކީ، އިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ފަންނީ ގޮތުން، މިބޭނުންވާ ފަދަ އީޖާދީ ވިސްނުމުގެ އަހުލުވެރި ބަޔަކަށް ނުވުމަކީ އެކަށީގެންވާ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ތައުލީމީ ނިޒާމުގައި ދިވެހިންގެ ހިއްސާ އިތުރުކުރުމަކީ، އިސްލާމީ ސައްހަ އަގީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކޮށް، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރިކަމާއި އެކުވެރިކަމާއެކު ދިރިއުޅޭ ރައްޔިތެއް ބިނާކުރުމަށް ޓަކައި ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއަށް މީހުން ޝައުގުވެރިނުވާ ސަބަބުތަކަކީ ކޮބައިކަން ހޯދުމަށާއި، ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ކަންތައް މިހާރު ހުރި ގޮތާ ބެހޭ އިލްމީ ދިރާސާއެއް ކުރަން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.