17 Oct 2021, 21:33
އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ މުހައްމަދު ސާލިމް އދ. މަހިބަދޫއަށް ގެންގޮސްފިއެވެ.
މަހިބަދޫ އިން މައުލޫމާތު ދިން އެ ރަށުގެ މީހެއް "ސަން"އަށް ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.
އޭނާ މަހިބަދޫއަށް ގެންގޮސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.
ސާލިމަކީ ދަނގެތީގައި އުޅޭ އުމުރުން ދުވަސްވީ މީހެއްކަމަށްވާ އާދަމްބެ ބަލަހައްޓަން ހުންނަ ބިދޭސީއެކެވެ. އެ ރަށު ނެދުންގޭގައި ދިރިއުޅެނީ ސާލިމާއި އާދަންބެ އެކަންޏެވެ. އެ ގެއަކީ މަހުމޫދު މަރައިލައިފައި އޮތް ގޭގެ ބިއްދޮށުގައި ހުންނަ ގެއެކެވެ.
ނެދުންގެ ބަލާ ފާސްކުރުމަށްފަހު ފުލުހުން ސާލިމް ހައްޔަރު ކުރީ އިއްޔެއެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
އެއާއެކު ސާލިމް ކަންތައް ކުރި ގޮތް އޭނާ ލައްވާ ފުލުހުން ކުޅުވައިފައިވަނީ މިއަދެވެ.
ދަނގެތިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ސާލިމް ގޮވައިގެން ފުލުހުން އެކި ސަރަހައްދުތަކުގައި މިއަދު ހަަރަކާތްތެރިވި ކަމަށެވެ. އޭގެ ތެރޭގައި ސާލިމް ދިރިއުޅުނު ނެދުންގެ އާއި މަހުމޫދު މަރައިލައިފައި އޮއްވާ ފެނުނު ބިލެތްގެ ވެސް ހިމެނޭ ކަމަށް އޭނާ ކިޔައިދިނެވެ.