17 Oct 2021, 19:24
އދ. ދަނގެތީގައި މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައި ހުރި ބަނގްލަދޭޝްގެ މުހައްމަދު ސާލިމް ދިރިއުޅުނު ނެދުންގޭ ތެރެއިން އެއްޗެހިތަކެއް ފުލުހުން ގެންގޮސްފިއެވެ.
ދަނގެތިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނީ ފުލުހުން ކާރެއްގައި އައިސް ދެ ފަހަރަކު އެގޭ ތެރެއިން އެއްޗެހިތަކެއް ގެންގޮސްފައިވާކަމަށެވެ.
"އެ ގޭ ކައިރިއަށް ވެހިކަލް މަޑުކޮށްފައި ފުލުހުން އެތަން ވަށާލާފަ އެ ގެންދިޔަ އެއްޗެއް ނެރިގެން ގެންދިޔައީ. ބައެއް މީހުން ބުނޭ ގޯންޏެކޭ. އަނެއްބަޔަކު ބުނަނީ ފޮށިގަނޑެކޭ. ޔަގީނެއް ނޫން،" އޭނާ ބުންޏެވެ.
ސާލިމް ގޮވައިގެން ފުލުހުން އެކި ސަރަހައްދުތަކުގައި މިއަދު ހަރަކާތްތެރިވިއެވެ. އޭގެ ތެރޭގައި ސާލިމް ދިރިއުޅުނު ނެދުންގެއާއި މަހުމޫދު މަރައިލައިފައި އޮއްވާ ފެނުނު ބިލެތްގެ ވެސް ހިމެނެއެވެ.
ސާލިމްއަކީ އެ ރަށުގައި އުމުރުން ދުވަސްވީ މީހެއް ކަމަށްވާ އާދަމްބެ ބަލަހައްޓަން ހަވާލުކޮށްފައި ހުންނަ ބިދޭސީއެކެވެ. ނެދުންގޭގައި ދިރިއުޅެނީ އާދަންބެއާއި ސާލިމް އެކަންޏެވެ.
ނެދުންގެ ބަލާ ފާސްކުރުމަށްފަހު ފުލުހުން ސާލިމް ހައްޔަރު ކުރީ އިއްޔެއެވެ. އަދި އޭނާ ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހުގީގު ކުރުމަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ސާލިމް ގެއަށް މިއަދު ގެންދިޔައީ މެންދުރުގެ ވަގުތެއްގައެވެ. އަދި އެ ގެއަށް އެ ވަގުތު ދެ އުދައްޔާއި މަށަން ދައްޗެއް ވެސް ވެއްދި ތަން ބައެއް މީހުންނަށް ފެނިފައިވެއެވެ.
ފުުލުހުން ވަނީ ސާލިމް ލައްވާ އޭނާ ކަންތައް ކުރި ގޮތް މިއަދު ކުޅުވައިފައެވެ.
"އެ ބޭރު މީހާ ގޮވައިގެން ފުލުހުން މަހުމޫދުބެ އެއްލާލާފަ އޮތް ވަޅު ކައިރިއަށް ވެސް ގެންދިޔަ.އޭނަ ދިރިއުޅޭ ގެ ކައިރީ ވެސް ގިނައިރުތަކެއް ވަންދެން ތިބި. ދެން ވާހަކަތަކެއް ދެއްކީ އެއްޗެއް ކިޔާދޭ ކަހަލަ ގޮތަކަށް،" މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
އޭނާ ބުނީ ނެދުންގޭގެ ފާރުމަތިން ސާލިމް އެރި ގޮތް ވެސް އޭނާ ފުލުހުންނަށް ކިޔައިދިން ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން މިހާރު ވެސް ސާލިމް ގޮވައިގެން ނެދުންގޭ ތެރޭގައި އެބައުޅޭ ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު ފުލުހުން އެތަނުގެ ތެރޭގައި އުޅެނީ ފަކީރާތަކަކާއި ލައިޓުތަކެއް ހިފައިގެން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.
"އެ ސަަރަހައްދުގައި މީހުން ވެސް އެއްވެފައި އޮތީ. އޭނާ [ސާލިމް] ގޮވައިގެން ވަދެފަ ނުކުން ދެ ފަހަރަކު. ދެން ލައިޓުތަކެއް ހިފައިގެން ވަނީ. ފަކީރާތަކެއް ވެސް ވެއްދި. މިހާރު ވަރަށް ބޮޑަށް ދިއްލާފަ ހުރީ. ބޮޑަށް ބެލެވެނީ ކޮންނަން އުޅެނީ ކަމަށް،" ފެނުނު މަންޒަރުތައް ދަނގެތިން ވާހަކަ ދެއްކި މީހާ ހިއްސާ ކުރިއެވެ.
މަހުމޫދުގެ މަރާ ސާލިމްއާ ހުރި ގުޅުމެއް ފުލުހުން އަދި މީިޑިއާއާ ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް އެކަމާ ގުޅިގެން އެ ރަށު މީހުން ޝައްކު ކުރާ ކަންތައްތަކެއް އެބަހުއްޓެވެ.
މަހުމޫދު މަރާލި ރޭ، ނެދުންގޭ ކައިރިން ދިޔަ އަންހެނަކަށް ވަނީ އެ ގޭ ތެރެއިން މީހަކު ހަޅޭއްލަވާ ކަހަލަ އަޑުތަކެއް އިވިފައެވެ. އަދި ބޯދިއްކޮށްފައި ބަލާލި ވަގުތު އެއްޗެއް ދަމައިފައި ގެންދިޔަ ކަހަލަ މަންޒަރެއް ފެނުނު ކަމަށް ވެއެވެ. އަދި ފުލުހުން ނެދުންގެ ފާސްކޮށް، ސާލިމް ހައްޔަރު ކުރީ އެ މީހާ އެކަން ރިޕޯޓް ކުރުމުން ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.