29 Feb 2012, 15:08
އިންޑިޔާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ ރާއްޖެ ވަޑައިގަތީ ރާއްޖޭގައި މިހާރު ކުރިއަށްދާ ސިޔާސީ ވާހަކަތުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާ އެކު ބައިވެރިވުން އިތުރުކުރުމަށް ރާއްޖޭގައި ހުންނަ އިންޑިޔާގެ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަތާއީގެ ދަތުރުފުޅުގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ވަކިވަކިންނާއި ހުރިހާ ޕާޓީއެއް އެކުގައި ވެސް ބައްދަލުކުރައްވާފައިވާ ކަމަށާއި މިހާރު ކުރިއަށްދާ ސިޔާސީ މަސައްކަތުގައި އިންޑިޔާއިން މުހިއްމު ދައުރެއް އަދާކުރާ ކަމަށް ހުރިހާ ޕާޓީތަކުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
ކުރިއަށް ދާނެ މަގެއް ހޯދުމަށްޓަކައި ވާހަކަތައް ކުރިއަށް ގެންދިއުމަށާއި ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމާއި މުއައްސަސާތައް އިސްލާހުކުރުމަށްޓަކައި ގާނޫނުތަކަށް ބަދަލު ގެނައުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ކަމަށް ވެސް އިންޑިޔާގެ ބަޔާނުގައި ވެއެވެ.
ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ދެވަނަ ކަމެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކޮށްފައި ވަނީ ގާނޫނު އަސާސީއަށާއި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވަރަށް އަވަހަށް ގެނައުމުގެ މުހިއްމުކަމެވެ. އަދި ތިން ވަނަ ކަމެއްގެ ގޮތުގައި އަވަސް އިންތިހާބެއް ބޭއްވުމާ ބެހޭ ގޮތުން އޯލްޕާޓީ ކޮންސަލްޓޭޓިވް ކޮމިޓީގެ ބެލުމުގެ ދަށުން މައިގަނޑު ހުރިހާ ސިޔާސީ ޕާޓީތަކުގެ މެދުގައި ވާހަތައް ކުރިއަށް ގެންދިއުމެވެ.
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި މަތާއީ ބައްދަލުކުރެއްވި އިރު އިންޑިޔާއިން ވެދެމުންދާ އެހީއަށް ޝުކުރުއަދާ ކުރެއްވި ކަމަށާއި ސުލްހައިގެ މަސައްކަތުގައި އެކަށީގެންވާ ކުރިއެރުމެއް ހޯދިފައިވާ ކަމަށް ވިދާޅުވި ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެކަމުގައި އެހީތެރިއެއްގެ ގޮތުގައި އިންޑިޔާގެ ބައިވެރިވުން ބޭއްވުމަށް އެއްބަސް ވެވަޑައިގަތް ކަމަށް ވެސް ބަޔާނުގައި ވެއެވެ.