17 Oct 2021, 15:18
މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އަނިޔާވެރިގޮތަކަށް މަރައިލައިފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު، 57, ގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން އެ ރަށުގެ އިތުރު ތަންތަން ބަލައި ފާސްކުރަން ފަށައިފިއެވެ.
ދަނގެތިން މަންޒަރު ދުށް މީހަކު "ސަން"އަށް ބުނީ ފުލުހުން މިހާރު ބަލައި ފާސް ކުރަނީ އެ ރަށު ޕްރީސް ސްކޫލްގެ ގޯތިތެރޭގައި ދެ ނިކަގަސް ހުރި ސަރަހައްދު ކަމަށެވެ.
އެ ސްކޫލް ހުންނަނީ، މަހުމޫދުގެ މަރާ ގުޅިގެން އިއްޔެ ހައްޔަރު ކުރި ބިދޭސީ މީހާ ދިރިއުޅެމުންދިޔަ ގޭގެ ފުރަގަހަށްވާ ގޮތަށެވެ.

މަހުމޫދުގެ މަރާ ގުޅިގެން ފުލުހުން ދަނީ ދަނގެތީގައި އިތުރު ތަންތަން ބަލައި ފާސްކުރަމުން -- ސަން ފޮޓޯ
ދަނގެތިން "ސަން"އާ ވާހަކަ ދެއްކި މީހުން ލަފާ ގޮތުގައި އެ ސަރަހައްދު ފާސް ކުރަނީ އެތަނުގައި މަހުމޫދުގެ ތަކެތި ފޮރުވާފައިވާ ކަމަށް ތުހުމަތު ކުރެވިގެންނެވެ.
މަހުމޫދުގެ އާއިލާއިން ވަނީ އޭނާ ގެއްލުނު އިރު އޭނާގެ އަތުގައި ހުރި ތަކެތި އަދިވެސް ފެނިފައި ނުވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި އޭނާގެ ފޯނާއި ވޮލެޓާއި، އަތުގައި އަޅައިފައި އޮތް ރަން ޕްލޭޓުގެ ގަޑިއާއި، އޭނާ އަރައިގެން ހުރި ފައިވާނުގެ އިތުރުން އޭނާ ގެންގުޅުނު ގުދަނުގެ ތަޅުދަނޑި ވެސް ހިމެނޭ ކަމަށް އާއިލާއިން ބުންޏެވެ.
ފުލުހުން އިއްޔެ ހައްޔަރު ކުރި ބިދޭސީ މީހާގެ ބަންދަށް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައިއެވެ.