ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފިއެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ހިންގި އޮޕަރޭޝަނެއްގައި 100އެއްހާ ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 10 މީހުންގެ ތެރެއިން އަށް މީހަކު ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހައްޔަރުގައި ތިބި އަށް މީހުން:

  1. ޖުމާން މުސްތަފާ (19އ), ނ. ވެލިދޫ ބީޗްހެވަން

  2. އިބްރާހީމް ޒައިދު ޙަބީބު (25އ), ގއ. ކޮލަމާފުށި، ސޯސަންގެ،
  3. މުޙައްމަދު އަޙްމަދު (34އ), ލ. ކަލައިދޫ، ޖަނަވަރީމާގެ
  4. އިބްރާހީމް ސިނާނު (24އ), ހދ. ކުމުންދޫ، ޑިއާފުރެންޑް
  5. މުޙައްމަދު ޙުސައިން (61އ), ދ. ބަނޑިދޫ، ޕޮލަރިސް
  6. އެމްޑީ ރަފީޤުލް އިސްލާމް (35އ), ބަނގްލަދޭޝް
  7. ޑީއެމް މޮބިން (24އ), ބަނގްލަދޭޝް
  8. މިދުހަތު އިބްރާހީމް (26އ), ގއ. ދެއްވަދޫ، ދޭލިޔާގެ

އެ މީހުންގެ ތެރެއިން ޖުމާން އާއި ޒައިދު އަދި މުހައްމަދު އަހްމަދުގެ ބަންދަށް ވަނީ ދިހަ ދުވަސް ޖަހައިދީފައެވެ. ސިނާނު އާއި މުހައްމަދު ހުސައިން އާއި ރަފީގުލް އަދި މޮބިންގެ ބަންދަށް ޖަހައިދީފައިވަނީ, 15 ދުވަހެވެ. މިދުހަތު ބަންދު ކުރަން އަމުރު ކުރީ ފަސް ދުވަހަށެވެ.

އަށް މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދީފައިވާއިރު ދެ މީހަކު ދޫކޮށްލުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން ވާނީ އެދިފައެވެ.

ދޫކޮށްލާފައިވާ ދެ މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރުމުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މީހުން ހައްޔަރުކުރި އޮޕަރޭޝަންގައި ރާއްޖޭގެ ބައެއް ފަޅު ރަށްރަށާއި ހުޅުމާލެއާއި މާލެ އާއި މާލޭގެ ބައެއް ގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން، 100 ކިލޯއަށްވުރެގިނަ މަސްތުވާތަކެތި ހޯދާފައިވަނީ ފަޅު ރަށެއްކަމަށްވާ އދ. ބޮޑުކާށިހުރާ ގައި ފޮރުވާފައި ހުއްޓައެވެ.

މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ވަނީ ބުނެފައެވެ. މި އޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިންގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މި މައްސަލަ ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.