17 Oct 2021, 12:15
މާލޭގައި އަމީނީމަގުގެ ސީގަލް ފިހާރަ އިންވެގެން ހުރި އިމާރާތެއްގައި އަލިފާން ރޯވެގެން ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އެބަދެއެވެ.
އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔަކު ބުނީ ރޯވެފައި ވަނީ ހަތަރު ބުރީގެ އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައި ކަމަށެވެ.
"ސަން"ގެ ނޫސްވެރިޔާ ބުނީ އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އަދިވެސް ދުމުގެ އަސަރު ހުރި ކަމަށެވެ.

އެމްއެންޑީއެފްއިން މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފައި -- ސަން ފޮޓޯ: މުހައްމަދު ނާއިލް ހަފީޒް
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އެ ސަރަހައްދަށް ފެތުރިފައިވާ ދުމުން ރައްކާތެރިވުމަށް ޓަކައި، ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދުމުގެ ސަބަބުން ނުރައްކާވެދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.