29 Feb 2012, 14:44
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އުފެއްދެވި ރިޔާސީ ކޮމިޝަން ސަރުކާރުން އުވާލައިފި އެވެ.
ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ ރިޔާސީ ކޮމިޝަނުގެ މެންބަރުން ވަޒީފާއިން ވަކިކުރެއްވުމަށްފަހު މިހާރު އެ ކޮމިޝަން އުވާލާފައިވާ ކަމަށެވެ.
އައްބާސް ވިދާޅުވީ ސަރުކާރުން ގަބޫލު ކުރާގޮތުގައި ރިޔާސީ ކޮމިޝަނަކީ ގާނޫނޫގެ ހުދޫދުގެ ތެރެއިން ބަލާއިރު އެއީ އޮޕަރެޓް ކުރެވެންޖެހޭނެ ކޮމިޝަނެއް ނޫން ކަމަށެވެ.
މިނިވަން މުއައްސަސާތަކަށް ފުރިހަމަ ބާރާއި، އިޚުތިޔާރު ދެއްވާނެކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވެފައި ވާކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"ސަރުކާރުން ގަބޫލު ކުރައްވާ ގޮތުގައި ކުރީގަ އެކުލަވާލައްވާފައި ވާ ރިޔާސީ ކޮމިޝަނަކީ ގާނޫނޫގެ ހުދޫދުގެ ތެރޭގައި އޮޕަރޭޓް ކުރެވެންޖެހޭނެ ކޮމިޝަނެއްކަމަށް ގަބޫލު ނުކުރައްވާ. ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކަށް އެ މުއައްސަސާގެ ފުރިހަމަ އިޚުތިޔާރު ދެއްވާނެކަމަށް. ތަހުގީގީ މުއައްސަސާތަކެއް އެބަހުރި. މިސާލަކަށް އޮޑިޓާ ޖެނެރަލް، ޕްރޮސެކިއުޓާ ޖެނެރަލް، މި ބޭފުޅުނުންނަށް ފުރިހަމަ ބާރާއި އިޚުތިޔާރު ދެއްވާ އެ މުއައްސަސާތައް ބާރުވެރި ކުރުވުން މި ސަރުކާރުގެ ޕޮލިސީ އަކީ،" އައްބާސް ވިދާޅުވި އެވެ.
އެ ކޮމިޝަން އުފައްދާފައި ވަނީ މެއި 16، 2009 ގައެވެ. އެ ކޮމިޝަނަކީ ރައީސް މައުމޫންގެ ސަރުކާރުން ގާނޫނާއި ޚިލާފަށް ހިންގާފައިވާ ކަންކަން ބެލުމަށް ކަމަށް ބުނެ އުފެއްދި ކޮމިޝަނެކެވެ.
ރިޔާސީ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބެވީ މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަންގު އާދަމް މަނިކު އާއި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އާއި އަދާލަތު ޕާޓީގެ ކުރީގެ ރައީސް ހުސެއިން ރަޝީދު އަހުމަދާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން އަދި ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަންގު އާދަމް މަނިކަކީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާއެވެ.
ރިޔާސީ ކޮމިޝަން އުވާލާފައި ވާއިރު މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ އަށެއް ގެ ނިޔަލަށް، ރާއްޖޭގައި ހިނގާފައިވާ ކަންކަން ތަހުގީގު ކުރުމަށް ރައީސް ޑރ. ވަހީދު ވަނީ ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ ގެ ނަމުގައި ކޮމިޝަނެއްވެސް އުފައްދަވާފައެވެ.