ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެންޓަރެއް ހުޅުވައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީ ޑިޕާޓްމަންޓްތަކުގެ ފަރާތުން ތައާރަފް ކުރި އެ ސެންޓަރު ހުޅުވާފައިވަނީ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ހުޅުވައިދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނަޒީރެވެ.

އަލަށް ހުޅުވި އެ ސެންޓަރުގެ މައިގަނޑު ދައުރަކީ އަންހެނުންނާއި ކުޑަކުދިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް، ފަސޭހަ ކަމާއެކު އެއްތަނަކުން ފޯރުކޮށްދިނުމެވެ.

ބްރެސްޓް ފީޑިން އަދި ކުޑަކުދިންގެ ޗޭންޖިން ރޫމް-- ސަން ފޮޓޯ

އެގޮތުން އެ ސެންޓަރުގެ ޔުނިޓުތަކުގެ ތެރޭގައި ހިމެނެނީ

  • 13 ކޮންސަލްޓޭޝަން ރޫމް

  • ވައިޓަލްސް ބަލާ ކޮޓަރި
  • ބޭބީ ނާސަރީ
  • ބްރެސްޓް ފީޑިން އަދި ކުޑަކުދިންގެ ޗޭންޖިން ރޫމް
  • އަލްޓްރާސައުންޑް ހިދުމަތް ދޭ ކޮޓަރި
  • ފޮޓޯތެރަޕީ ޔުނިޓު

ވައިޓަލްސް ބަލާ ކޮޓަރި-- ސަން ފޮޓޯ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ އެ ސެންޓަރުގެ ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާކުރުމެވެ.

އެގޮތުން ކައިރި މުސްތަގްބަލެއްގައި އައި.ޔޫ.އައި ނުވަތަ އިންޓަރ ޔުޓެރިން އިންސެމިނޭޝަން އަދި އައި.ވީ.އެފް ނުވަތަ އިންވީޓްރޯ ފާޓިލައިޒޭޝަންގެ ހިދުމަތްތައް ވެސް އެ ސެންޓަރަށް ތައަާރަފު ކުރެވޭނެ ކަމަށް އެމްޑީ ނަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނަޒީރު-- ސަން ފޮޓޯ

މިއަދު އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ސެންޓަރެއް ހުޅުވުމާއެކު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާ މުޅިން އެއްކޮށް ހާއްސަވެގެންދާނީ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީގެ ހިދުމަތްތަކަށެވެ.

އެ ތިން ޑިޕާޓްމަންޓުގެ ހިދުމަތްތަކަށް އާންމުންގެ ފަރާތުން އަބަދުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު، އެ ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.