17 Oct 2021, 11:35
ލަންޑަން (އޮކްޓޯބަރު 17) : މީގެ ދެދުވަސްކުރިން ވަޅިން ހަމަލާދީ އަވަހާރަކޮށްލި އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރު ސަރ ޑޭވިޑް އަމެސް ގެ މަރުގެ ފަހަތުގައިވާ ސަބަބުތައް ނުހޯދޭކަމަށާ އޭނާ އަވަހަރާކޮށްލި މަގްސަދުވެސް އަދި ނޭންގޭކަމަށް އިނގިރޭސި ފުލުހުން ބުނެފިއެވެ.
އިނގިރޭސި މެޓްރޯޕޮލިޓަން ފުލުހުން ނެރުނު ބަޔާނެއްގައި އަމެސް އަށް ހަމަލާދިން މީހާ ހައްޔަރުކޮށް އަމެސް އަވަހާރަކޮށްލުމަށް އެމީހާ ބޭނުންކުރި ވަޅި ހޯދިފައިވާކަމަށް ބުނެފައިވެއެވެ. ނަމަވެސް އަމެސް ގެ މަރުގެ ފަހަތުގައިވާ ސަބަބުތައް ދެނެގަނެވޭފަދަ އެއްވެސް މައުލޫމާތެއް އަދި ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.
ނަމަވެސް އަމެސް އަވަހާރަކޮށްލުމަށް ދީފައިވަނީ ޓެރަރިސްޓް ހަމަލާއެއްކަމާއި އިސްލާމް ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކުން ގެންގުޅޭ ހަރުކަށި ފިކުރާ އެޖަރީމާއާއިގުޅުވުމުގެ ތުހުމަތުތަކެއް އިނގިރޭސި ފުލުހުން ކުރިންވަނީ ކޮށްފައެވެ. މިގޮތުން އަމެސްގެ މަރާގުޅިގެން ހައްޔަރުކުރީ އިސްލާމީ ގައުމެއްކަމަށްވާ ސޮމާލިއާއިން އިނގިރޭސިވިލާތަށް ހިޖްރަކޮށްގެން އިނގިރޭސި ރައްޔިތުކަން ހޯދާފައިވާ އުމުރުން 25 އަހަރުގެ ޒުވާނެއްކަމަށްވާ އަލީ ހަރުބީ އަލީ ކަމަށް އިނގިރޭސި ކައުންޓަރ ޓެރަރިޒަމްއާބެހޭ ފުލުހުން ބުނެފައިވެއެވެ. އަލީ ހައްޔަރުކޮށްފައިވަނީވެސް ޓެރަރިޒަމާބެހޭ ގާނޫނުގެ ދަށުންނެވެ.

އިނގިރޭސި ކައުންޓާ ޓެރަރިޒަމްއާ ބެހޭ ފުލުހުން
އަލީ ހައްޔަރުކޮށް ކުރި ތަހްގީގްތަކުން އެޖަރީމާ އޭނާ ހިންގި ސަބަބެއް އަދި އޭނާ ނޫން ފަރާތެއް އެޖަރީމާގައި ޝާމިލްވާކަން އިނގިރޭސި ފުލުހުންނަށް ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން އަމެސްގެ މަރުގެ ތަހްގީގުގައި އިތުރު ކަންތައްތަކެއް އަދި ކުރިޔަށް ނުދާކަމަށް ތަހްގީގުވަނީ މިހިސާބުން މަޑުޖެހިފައި ކަމަށް އިނގިރޭސި ފުލުހުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އަވަހާރަކޮށްލި ސަރ ޑޭވިޑް އަމެސް އަކީ އިނގިރޭސިވިލާތުގައި މިހާރު ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީއަށް ނިސްބަތްވާ ސީނިއާ ބޭފުޅެކެވެ. އޭނާ އިނގިރޭސި ޕާލަމެންޓްގެ ދަށުގެ ކަމަށްވާ ހައުސް އޮފް ކޮމަންސްގައި އޭނާ ތަންސީލުކުރައްވަނީ ސައުތުއެންޑް ވެސްޓް އެވެ. ޕާލަމެންޓް މެންބަރަކަށް އުޅުއްވާތާ މިހާރުވަނީ 40 އަހަރުވާން ގާތްވެފައެވެ.
2016 ވަނަ އަހަރުވެސް އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރަކަށް ހަމަލާދީ އަވަހާރަކޮށްލާފައިވެއެވެ. އެއަހަރު އަވަހާރަކޮށްލާފައިވަނީ ޖޯ ކޮކްސް ނަމަކަށްކިޔާ ލޭބަރ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރެކެވެ.

ސަރ ޑޭވިޑް އަމެސް
ރިޕޯޓްތައް ބުނާގޮތުން ޑޭވިޑް އަމެސް ގެ މަރުގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށް އިނގިރޭސި ކައުންޓަރ ޓެރަރިޒަމްއާބެހޭ ފުލުހުން ކުރިޔަށް ގެންދާ ތަހްގީގުގެ ދަށުން ލަންޑަން ދެ ގެއެއްވެސް މިހާރުވަނީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް އަށް ހަމަލާދީ އަވަހާރަކޮށްލަންޖެހޭ ސަބަބެއް އެނގޭމިންވަރުގެ މައުލޫމާތެއް އަދި ހޯދިފައެއް ނުވެއެވެ.
އަމެސް އަށް ވަޅިން ހަމަލާދިނީ އޭނާގެ ދާއިރާއަށް ވަޑައިގެން އެދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނިކޮށެވެ. އޭނާ އަވަހާރަވީ އެހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް އޭގެ ހައެއްކަ ގަޑީއިރުފަހުން ހޮސްޕިޓަލުގައެވެ.
ޑޭވިޑް އަމެސް ގެ މަރާއެކު އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ މިންވަރާމެދު ވަނީ ސުވާލު އުފެދިފައެވެ.
އިނގިރޭސިވިލާތުގައި މިހާރު އަމަލުކުރަމުން ގެންދާގޮތަށް ބަލާއިރު ޕާލަމެންޓް މެންބަރުން އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރާއިރު ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހެނީ އެބޭފުޅުން އަމިއްލައަށެވެ. މިގޮތުން އަޅާ ފިޔަވަޅުތަކަށް ބޭނުންވާ ފައިސާ ޕާލަމެންޓުގެ ބަޖެޓުން ފަހުން ދެއެވެ. މިފަދަ ފިޔަވަޅުތައް އަޅާނެގޮތުގެ ލަފައާއި އިރުޝާދު އިނގިރޭސި ފުލުހުން ޕާލަމެންޓް މެންބަރުންނަށް ދެއެވެ.