29 Feb 2012, 14:33
ބޭހަށް އިންޑިއާއަށް ދިޔަ މއ. ނައިޓްވިލާ، އިބްރާހިމް އަބްދުﷲ (ގައްބަރޭ) މާލެ އައިސް ފިލައިގެން އުޅެނިކޮށް ހައްޔަރުކުރުމަށްފަހު، ތަހުގީގު ނިންމައި ދޫކޮށްލައިފި އެވެ.
ގައްބަރޭ މާލެ އައި ތަނުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު ތެރޭގަ އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގައްބަރޭ ދޫކޮށްލީ ތަހުގީގަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ. ބޯ ކުރުކޮށް ކޮށާލާފައި ހުރި ގައްބަރޭ މަގުމަތީގައި އުޅޭތަން ސަންގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފަ އެވެ.
ތަފާތު އެކި ފަހަރު މަތިން ތޫނު އެއްޗެހިން މީހުނަށް ހަމަލާދީ މާރާމާރީ ހިންގުމުގެ ދައުވާތައް އުފުލާފައިވާ ގައްބަރޭ، މިދިޔަ އަހަރުގެ އޭޕްރީލް 25 ގައި އިންޑިއާއަށް ބޭހަށް ދިޔައީ، އޭނާގެ ބޮލުގައި މީހަކު ކަތިވަޅިއަކުން ޖަހައި ވަރަށް ބޮޑަށް ޒަޚަމްކޮށްލުމުންނެވެ.
ގައްބަރޭ އެނބުރި މާލެ އައީ ގާތްގަނޑަކަށް ހަތް މަސް ފަހުންނެވެ. އޭގެ ކުރިން އޭނާ އިންޑިޔާގައި ހުއްޓާ އޯވާސްޓޭވެގެން ޓްރިވެންޑްރަމްގެ ޖަލަށް ވެސް ލިއެވެ.
އެންމެ ފަހުން ގައްބަރޭ ހައްޔަރުކޮށްފައި ވަނީ ގަލޮޅު އަލިކިލެގެފާނު މަގާއި މަޖީދީ މަގު ގުޅުނު ޓްރެފިކް ލައިޓް ކައިރިން ހަމަލާދީ މަރާލި ސ. ހިތަދޫ ވަރުދީގޭ، އަހުސަން ބަޝީރުގެ މަރުގެ މައްސަލައާ ގުޅިގެން މާލެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ މީހެއް ކަމަށް ތުހުމަތުކޮށް މިދިޔަ އަހަރު އެވެ.
ގައްބަރޭ އަކީ 2007 ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ. އެއިރު އޭނާގެ އުމުރަކީ 16 އަހަރެވެ. އެ މައްސަލައިގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ ކުޑަކުދިންގެ ކޯޓުގައި އުފުލައިފަ އެވެ. ނަމަވެސް ހެކި ނެތުމުގެ ސަބަބުން އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް 2010 ވަނަ އަހަރު ކުޑަކުދިންގެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ގައްބަރޭ ދޫކޮށްލި އިރު، ބެލެނިވެރިން އެދެމުންދާތީ ލުޔެއް ދިނުމުގެ ގޮތުން ނުރައްކާތެރި ތިން ކުށްވެރިޔަކު މިއަދު ކްރިމިނަލް ކޯޓުން ވަނީ ގޭބަންދަށް ބަދަލުކޮށްފަ އެވެ. ފަނަރަ ދުވަހަށް މިއަދު ގޭބަންދަށް ބަދަލުކުރި ނުރައްކާތެރި ކުށްވެރިންނަކީ މ. ކޮޅުފުށީ ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމް އާއި ހ. ހަމަރޯޅި، ރިލްވާން ފަރުހަތު އަދި ގއ. ދާންދޫ ދިލްކަޝްވިލާ، ހައުޒާން ނިޒާމް އެވެ.