16 Oct 2021, 16:45
ވައިގަދަވުމުގެ ސަބަބުން ލިލީ މަގު ޕާކިސްތާން ކޮންސުލޭޓް އިމާރާތުގައި ހުރި ބޮޑު ބޮގަންވިލާ ގަހެއް ވެއްޓިއްޖެއެވެ.
މާލޭ ސިޓި ކައުންސިލްގެ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ލިލީ މަގުގައި ހުރި ބޯގަންވިލާ ގަހެއް ވެއްޓުނު ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:05 ގައި ކައުންސިލަށް ލިބުނު ކަމަށާއި އެ ގަސް ވެއްޓުނީ މުލުން ލުހިގެން ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
މިހާރު އެ ގަސް ނެގުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. އެ ގަހަކީ ވަރަށް ބޮޑު ބޯގަންވިލާ ގަހެއް ކަމަށް ވެސް ސިޓީ ކައުންސިލުން ފާހަގަ ކުރިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ(މެޓް އޮފީހުން) ވަނީ މުޅި ރާއްޖެއަށް ހެނދުނު 8:30 އިން ފެށިގެން ހަވީރު 16:30 އަށް ރީނދޫ އެލާޓް ނެރެފައެވެ.
އެވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑޫގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.