16 Oct 2021, 11:35
އައްޑޫ ސިޓީގައި ހިންގާ ޓްރިޕްލް އޭ ފްލައިން ސްކޫލްގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އެކިފަހަރު މަތިން އެ ސްކޫލުގެ މައްސަލައިގައި ދަރިވަރުން ވެސް ވަނީ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.
ދަރިވަރުންނަށް މާލީ ގޮތުންވަނީ ގިނަ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. 50 ޕަސެންޓަށް ވުރެ ގިނަ ކުދިން ކޯހުގައި ފުރިހަމަ ކުރަން ޖެހޭ އުދުހުމުގެ ވަގުތު ފުރިހަމަކޮށްފައިވާއިރު ކޯހުގެ ނިމުމަކާ ހަމައަށް ވަނީ އައިސްފައެވެ.
ނަމަވެސް ޓްރިޕަލް އޭގެ މައްސަލައިގައި ދަރިވަރުންގެ ކިޔެވުން ދިގު ދެމިގެންވަނީ ގޮސްފައެވެ. އަދި ދަރިވަރުންގެ ޝަކުވާތަކާއި ކަންބޮޑުވުން ފުނިޖެހި އެ ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ވަނީ ހިއްސާކޮށްފައެވެެ.
އެއާއެކު ސަރުކާރުން ވަނީ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް މީގެ ކުރިން ވެސް ފަށާފައެވެ. އަދި އަންނަ އަހަރު ކިޔެވުން ފެށޭނެ މިންވަރަށް ސަރުކާރުން ތައްޔާރީތައް ވަމުން އަންނަކަމަށް ވަނީ ބުނެފައެވެ. މިއީ އެ ސްކޫލުގެ ދަރިވަރުންނަށް ކިޔެވުން ފުރިހަމަކޮށް ނިންމާލުމުގެ އުންމީދު އަލުން އާވެގެން ދިޔަ ކަމެކެވެ.
އެގޮތުން އައްޑޫ ސިޓީގައި ފްލައިން ސްކޫލް ހިންގާނެ ކުންފުނި އުފައްދަން ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މި މަހުގެ 11ވަނަ ދުވަހެވެ.
އައިއޭއެސްއިން މަސައްކަތް ކުރަމުން ދަނީ، އަންނަ އަހަރު ފެށޭ ހިސާބުގައި ފްލައިން ސްކޫލް ގެ މަސައްކަތްތައް އަލުން ފެށުމަށް ޓަަކައެވެ.
އެ މަސައްކަތަށް ލީޒް އެގްރިމަންޓެއްގެ ދަށުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރި ދެ އިމާރާތް އައިލެންޑް އޭވިއޭޝަނަށް ދޫކުރުމަށް އެދި މިހާރު ވަނީ އެ އެއާޕޯޓަށް ސިޓީ ހުށަހަޅާފައެވެ.
ހަމައެއާއެކު ފްލައިން ސްކޫލް އޮޕަރޭޝަނަށް ގެނައުމަށް އައްޑޫ އެއާޕޯޓުގައި އިތުރަށް ގާއިމްކުރަން ޖެހޭ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.
އައްޑޫ ސިޓީގައި ފްލައިން ސްކޫލް ހިންގާނެ ކުންފުނި އުފައްދަން ގައުމީ ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މީގެ އިތުރުން ޓްރިޕަލް އޭ ފްލައިން ސްކޫލްގެ މިލްކިއްޔާތުގައި ހުރި ބޯޓުތަކުގެ ތެރެއިން ބައެއް ބޯޓުތައް އައިއޭއެސްގެ ބޭނުމަށް ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
މިގޮތުން އައިއޭއެސްގެ ފްލައިން ސްކޫލް ޕާޓްނާގެ އިންޖިނިއަރެއް ރާއްޖެ އައިސް، އެ ބޯޓުތަކުގެ ޓެކްނިކަލް އެސެސްމަންޓެއް ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުންޏެވެ.
ޓްރިޕަލް އޭގެ މައްސަލަ ބޮޑުވެ އެންމެ ފަހުން އެ ސްކޫލު ހިންގުމާ ހަވާލުވެފައިވަނީ އެވިޑު ކޮލެޖުންނެވެ. ޓްރިޕަލް އޭގެ ފްލައިން ސްކޫލްގެ މިލްކިއްޔާތު އެވިޑް ކޮލެޖުން ގަނެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަން އިފްތިތާހުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 24ވަނަ ދުވަހެވެ.
އެވިޑް ކޮލެޖުން އައްޑޫ ފްލައިން ސްކޫލާ ހަވާލުވީ އެ ސްކޫލްގެ ހިންގުން ދޯދިޔާވެ ކުދިންނަށް ކޯސް ފުރިހަމަ ނުކުރެވި ކޯސް ދިގުދަންމާލަމުންދާތީ އެ ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަތާ އެތައް ދުވަހެއް ވުމުންނެވެ.
ނަމަވެސް ފްލައިން ސްކޫލުގެ އެއްބަސްވުން އެވިޑު ކޮލެޖުން މިދިޔަ މަހުގެ 18ވަނަ ދުވަހުވަނީ ބާތިލުކޮށްފައެވެ. އެ އެއްބަސްވުން ބާތިލްކުރީ އެއްބާރުލުން ލިބެންޖެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުން ކަމަށް އެ ކޮލެޖުން ބުނެއެވެ.

އައްޑޫ ފްލައިން ސްކޫލުގައި ބޭނުންކުރާ ބޯޓުތަކެއް--ފޮޓޯ: އޭއޭއޭ
ފްލައިން ސްކޫލްގެ ދަރިވަރުންނަށް އެހީތެރިވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 103 ކުއްޖަކަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލޯނު ދީފައެވެ.
އެއާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) "ކިޔަވާ" ލޯނު މިނިސްޓްރީގެ ލޯނަށް ބަދަލުކުރުމުގެ ގޮތުން 21 ދަރިވަރެއްގެ ލޯނު ވަނީ ޕޭޭ އޮފް ވެސް ކޮށްދީފައެވެ.
ޓްރިޕަލް އޭގައި ޕައިލެޓްކަން ކިޔެވުމަށް ދޫކޮށްފައިވާ ލޯނު ފައިސާއިން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދޭ ގޮތަށް އުސޫލު ބަދަލުކޮށް، އެ ހުއްދަވެސް މިހާރުވަނީ ދީފައެވެ.