ނަޕޯލީގެ އާޖެންޓީނާ ފޯވާޑް އެޒެކުއީލް ލަވޭޒީ ހޯދުމަށް މަސައްކަތް ނުކުރުމަށް ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ނަޕޯލީގެ ރައީސް އޯރޭލިއޯ ޑި ލޮރެންޓީސް ގޮވާލައިފި އެވެ.

މިސީޒަނުގައި ނަޕޯލީގެ ފޯވާޑްލައިން ފާހަގަވެފައި ވެފައިވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފޯވާޑް ލައިނުގެ ގޮތުގަ އެވެ. އެހެންކަމުން އެކުލަބުގެ ތިން ފޯވާޑުން ކަމަށްވާ ލަވޭޒީ އާއި، މަރެކް ހަމްސިކް އަދި އެޑިންސަން ކަވާނީ ހޯދުމަށް ޔޫރަޕްގެ ގިނަ ކުލަބުތަކަކުން މަސައްކަތް ކުރެއެވެ.

"ލަވޭޒީ އަކީ ވިއްކާ ކުޅުންތެރިއެއް ނޫން. އޭނާ ހޯދުމަށް މަސައްކަތް ކުރާ އެއްވެސް ކުލަބަކާއި އެކު މަޝްވަރާ އަށް ދާކަށް ބޭނުމެއް ނޫން." ޑި ލޯރެންޓީސް ބުންޏެވެ.

ލަވޭޒީ އެންމެ ބޮޑަށް ވިދާލީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޗެލްސީ އާއި ދެކޮޅަށް ދެއްކި މޮޅު ކުޅުމާއި އެކު ކާމިޔާބު ކުރި ދެގޯލާއި އެކު އެވެ.