ބާސެލޯނާގެ މިޑްފީލްޑަރު ސޭޑޫ ކޭޓާ ގެންދިއުމަށް ލިވަޕޫލް އިން މަސައްކަތް ކުރާތީ އުފާކުރާ ކަމަށާއި ފުރަތަމަ އެގާރާގައި ކުޅެން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 32 އަހަރުގެ ކޭޓާ ބާސާ އަށް މިސީޒަނުގައި ކުޅެފައިވަނީ އެންމެ ހަތް މެޗެވެ. މިސީޒަނުގައި ކޭޓާގެ ފަރާތުން ފެނުނު ހަމައެކަނި ލަނޑު ފެނުނީ ކްލަބް ވޯލްޑް ކަޕްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަލް-ސަދް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ލިވަޕޫލް އިން ކޭޓާ އަށް ޝައުގުވެރިކަން ފާޅުކުރީ މިހަފްތާ ފެށުނު އިރު އެވެ. ކޭޓާގެ އިތުރުން ލިވަޕޫލް އިން ވަނީ އެތްލެޓިކް ބިލްބާއޯގެ ހާވީ މާޓިނޭޒް އަށާއި ލިލޭގެ ފޯވާޑް އެޑެން ހެޒާޑް އަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"ލިވަޕޫލް އިން އަހަރެން ހޯދުމަށް މަސައްކަތްކުރާތީ އުފާކުރަން. ލިވަޕޫލް އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅެތި ކުލަބުތަކުގެ ތެރޭގައި ހިމެނޭ ކުލަބެއްކަން އަހަރެން ދަންނަން. ނަމަވެސް މިސީޒަން ނިމެންދެން ބާސާގައި މަޑުކުރާނަން. ބާސާ އަކީ އަހަރެން ވަރަށް ލޯބިކުރާ ކުލަބެއް. އަހަރެންވެސް ބޭނުން ގިނަ މެޗުތަކެއް ކުޅެން." ކޭޓާ ބުންޏެވެ.

ސްޕެއިން އައުމުގެ ކުރިން ކޭޓާ ފެނިފައިވަނީ ފްރާންސްގެ ކުލަބުތަކަކުން ނެވެ. އެގޮތުން ކޭޓާ ވަނީ މާސޭލް އަށާއި، ލޮރިއެންޓް އަދި ލެންސް އަށް ވެސް ކުޅެފައިވެ އެވެ. އެއަށް ފަހު ސްޕެއިންގެ އެފްސީ ސެވިއްޔާ އަށް ކުޅުމަށް ފަހު ބާސާ އިން ކެޓާ ފެނުނީ 2008 ވަނަ އަހަރު އެވެ.