މިއަހަރުގެ ޔޫތު އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ދޭއްގެ ފަޅިން ވާދަކުރާ ނިއުރޭޑިއަންޓާ ދެކޮޅަށް ކުލަބް އީގަލްސް އިއްޔެ ކުޅުނު މެޗް 2-2 ލަނޑުން އެއްވަރުވެގެން ނިމިއްޖެ އެވެ.

ގަލޮޅުދަނޑުގައި އިއްޔެ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު، މެޗުގެ ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ފެނިގެން ދިޔައީ ނިއު ރޭޑިއަންޓުގެ މުހައްމަދު ސަބީން އާދަމްގެ ފަރާތުންނެވެ. އެ ލަނޑާއެކު މެޗުގެ ލީޑް ނިއުއިން ނެގި ނަމަވެސް، އީގަލްސްއިން ކުރަމުންއައި މަސައްކަތައް ހިތްވަރެއް ލިބުނީ މެޗުގެ 13 ވަނަ މިނެޓުގައި އީގަލްސްގެ އަބްދުﷲ ސަފީއު ލަނޑެއް ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނުމުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ގިނަ ގޯލްތަކެއް ޖަހާނެ ފުރުސަތު ފުރަތަމަ ހާފުގައި ލިބުނު ނަމަވެސް، ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-1 ލަނޑުން ދެ ޓީމް އެއްވަރުވެގެން ނެވެ.

މެޗުގެ ދެ ވަނަ ހާފަށް ދެ ޓީމްވެސް ކުޅެން ނުކުޅެ، ދެޓީމުން ވަނީ މެޗުގެ ލީޑް ނެގުމައަށް މަސައްކަތް ފަށައި، ދެ ޓީމުގެ ގޯލަށް ދެޓީމުން ވެސް ނުރައްކާ ކުރަން ފަށައިފައެވެ. އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ ނިއުއިން މެޗުގެ ލީޑް 75 ވަނަ މިނެޓުގައި ނެގުމުންނެވެ. ނިއު އަށް ދެ ވަނަ ހާފުގައި ލީޑް ނަގައި ދިނީ ސައްފާން ރާމްޒީއެވެ. ދެ ވަނަ ފަހަރަށް މެޗުގެ ލީޑް ނިއުއިން ނެގި ކަމުގައި ވިޔަސް، އީގަލްސްއިން ކުރަމުންއާ ހިތް ވަރަށް ނިމުމެއް އައީ މެޗުގެ އިތުރު ވަގުތުގައި އެޓީމުގެ މަހަރޫސް މުޖްތަބާ ލަނޑެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ 2-2 ލަނޑަށް ހަމަހަމަ ކޮށްދިން ހިސާބުންނެވެ.

މިމުބާރާތުގެ ކުޅުން މިހާތަނަށް ގޮސްފައިވާހިސާބަށް ބަލާއިރު، ގްރޫޕް އެކެއްގެ ފަޅިން ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ކުރީގައި މިވަގުތު އޮތް ޓީމަކީ މާޒިޔާ އެވެ. އަދި ގްރޫޕް ދޭއްގެ އެއްވަނަ ޓީމެއްގެ ގޮތުގައި މިހާރު އޮތީ ވެލެންސިޔާ އެވެ.

މިދިޔަ އަހަރު އަލަށް ފެށި 20 އަހަރުން ދަށުގެ، މި މުބާރާތް މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ 21 އަހަރުން ދަށުގެ އުމުރު ފުރައަށް ބަދަލުކޮށްގެން ނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމެއް ވަނީ ބައިވެރިވެފައި އެވެ.


ދެ ގްރޫޕަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެން ދިއުމަށް ނިންމާފައިވާ އިރު، ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އާ ދެ ވަނަ ޓީމެވެ. އަދި ގްރޫޕް އޭ އާއި ގްރޫޕް ބީ ފަޅިން އެއް ވަނަ ހޯދާ ދެ ޓީމުގެ މެދުގައި ސެމީފައިނަލްގެ ފުރަތަމަ މެޗް ކުޅުމަށް ނިންމާފައިވާ އިރު، މެޗުން މޮޅުވާ ޓީމެއް ފުރަތަމަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަ ލިބޭނެ އެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރުވާ ޓީމެއް އިނގޭނީ ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ

މުބާރަތުގައި މާދަމާ ހަވީރު 4:00 ގައި ބައްދަލުކުރާ ދެޓީމަކީ ގްރޫޕް އެކެއްގެ ދެ ޓީމް ކަމުގައިވާ ވިކްޓަރީ އާއި ވިޔަންސާއެވެ. މާދަމާގެ މެޗަށް މިދެ ޓީމް ނިކުނައިރު ވިކްޓަރީ އޮތީ ގްރޫޕްގެ ތިން ވަނައިގައެވެ. އަދި ވިޔަންސާ އޮތީ ދެ ވަނައިގައެވެ.