15 Oct 2021, 15:44
ކޮވިޑް-19އާ ގުޅިގެން ބޭރުގެ ފަތުުރުވެރިންނަށް އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން އެގައުމު އަނެއްކާވެސް ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.
އިންޑިއާއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު މަދުވުމާ ގުޅިގެން އެގައުމުން ދެމުންދާ ލުއިތަކުގެ ތެރެއިން، މިއަދު އިންޑިއާއިން ވަނީ ޗާޓަރު ފްލައިޓުތަކުގައި އެގައުމަށްދާ ފަތުރުވެރިންނަށް ޓުއަރިސްޓު ވިސާ ދޭން ފަށާފައެވެ. އަދި ކޮމާޝަލް ފްލައިޓުތަކުގައި ދާ މީހުންނަށްވެސް އަންނަ މަހުގެ 15އިން ފެށިގެން ޓުއަރިސްޓު ވިސާ ދޭނެއެވެ.
ނަމަވެސް ފަތުރުވެރިން ހަދަން ޖެހޭ ޓެސްޓުތަކާއި ކަރަންޓީނުވުމުގެ ގަވާއިދުތަކާ ބެހޭ ތަފްސީލު އެގައުމުން އަދި ހާމަނުކުރެއެވެ.
އިންޑިއާއިން ޓުއަރިސްޓު ވިސާ ދިނުން ހުއްޓާލީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި މިދިޔަ އަހަރުގެ މާޗް މަހު ގައުމު ފުރަބަންދު ކުރުމަށް ފަހުއެވެ.
އިންޑިއާގައި މިދިޔަ އޭޕްރިލް މަހާއި މެއި މަހު ކޮވިޑްގެ ދެވަނަ ރާޅެއް ފެތުރުނު އިރު އެގައުމުން ކޮންމެ ދުވަހަކު ފެންނަމުން ދިޔަ ކޭސްތަކުގެ އަދަދު ހަތަރު ލައްކައަށް އެރިއެވެ. ނަމަވެސް މިހާރު އެގައުމުން ފެންނަނީ ދުވާލަކަށް 20،000 ކޭހެވެ.
މީގެ އިތުރުން އިންޑިއާގެ އާބާދީގެ 70 ޕަސެންޓަށް ވުރެ ގިނަ މީހުން މިހާރު ވަނީ ކޮވިޑް ވެކްސިން ޖަހާފައެވެ.
އިންޑިއާގެ ސަރުކާރުގެ ތަފާސްހިސާބުގައިވާ ގޮތުން އެގައުމުގެ ޖީޑީޕީގެ ހަތް ޕަސެންޓު ހިއްސާ ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. އަދި 2019 ވަނަ އަހަރު އެގައުމަށް 10.93 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރިއެވެ. ނަމަވެސް މިދިޔަ އަހަރު އެ އަދަދު 2.74 މިލިއަނަށް ވެއްޓުނެވެ.