އިސްލާމް ދީނާއި މާތް ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވެސް ވާޖިބެއް ކަމަށް ފާހަގަކޮށް، 'ކީރިތި މާތް ނަބިއްޔާ ދެކެ ލޯބިވުން' މައުޟޫއަށް މިއަދުުގެ ހުކުރު ހުތުބާގައި އަލި އަޅުވާލައިފިއެވެ.

ހުތުބާގައި ބުނީ، އަހުލާގީ ގޮތުންނާއި ދީނީ ގޮތުންވެސް އިންސާނުން އެންމެ ދަށު ދަރަޖައަކަށް ވެއްޓުނީ މީލާދީ ގޮތުން 500ގެ އަހަރު ތަކުގައި ކަމަށް ތާރީހު ލިޔުއްވާ ބޭފުޅުން ފާހަގަ ކުރައްވާ ކަމަށެވެ.

އެގޮތުން އޭރު އަމިއްލަ އަތްތަކުން ހަދާ ބުދުތަކަށް އަޅުކަން ކޮށް، ގަސްގަހާގެއްސަށާއި ކޯރުކޯރުގެ އިތުރުން އަލިފާނަށް އަޅުކަން ކުރުން ފަދަ ހަޑި މުޑުދާރު އަމަލުތައް އިންސާނުންގެ ތެރޭގައި ވަނިކޮށް، އިސްލާމް ދީނުގެ ހިދާޔަތު ދެއްވައި، މުހައްމަދުގެފާނު ފޮނުއްވީ ކަމަށް ހުތުބާގައި ބުންޏެވެ.

ހަމައެއާއެކު ކީރިތިރަސޫލާއަށް އީމާން ވުމަކީ އީމާން ކަމުގެ ރުކުނެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ހަނދާން ކޮށްދިނެވެ. އަދި އެމީހެއްމެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަސްރު ދީގެން މެނުވީ މުސްލިމުންގެ އީމާންކަން ފުރިހަމަ ނުވާނެކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ ރަސޫލާއަށް ލޯބި ކުރުމުގެ އެންމެ މުހިންމު އަލާމާތަކީ، ފުރިހަމައަށް އެކަލޭގެފާނަށް ތަބާވުން ކަމަށެވެ. އަދި އެކަލޭގެފާނުގެ ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު އުންމަތަށް ދައްކުވައި ދެއްވި އަހުލާގީ ރިވެތި މިންގަނޑުތަކަށް ތަބާވުން މުހިއްމުކަން ހުތުބާގައި ފާހަގަކުރިއެވެ.

އެހެންކަމުން އެކަލޭގެފާނު ދައްކަވައި ދެއްވެވި ފަދައިން، ތެދުބަސް ބުނުމާއި، ކެތްތެރި ވުމާއި، އަދުލުވެރި ވުމާއި، މީހުންނަށް އިހުތިރާމު ކުރުމާއި މަޑުމޮޅިކަން ފަދަ ރިވެތި އަހުލާގީ ސިފަތައް އެންމެހައި މުސްލިމުންގެ ގައިގައި އަށަގެންނެވުމަށް ހުތުބާގައި ގޮވާލިއެވެ.