ފަނަރަ ވަނަ އިންޓަ އޮފީސް އަދި ކުންފުނިތަކުގެ ބާސްކެޓްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ޓީމުން ހޯދައިފި އެވެ.

އިމިގްރޭޝަން ޗެމްޕިއަންކަން ހޯދީ ރޭ ކުޅިވަރު އެކުވެނި އައުޓްޑޯ ކޯޓުގައި ކުޅުނު ފައިނަލް މެޗުގައި އެމްއެންޑީއެފް އާއި ބައްދަލުކޮށް 107 ޕޮއިންޓް 95 ޕޮއިންޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ރޭ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޗެމްޕިއަން އިމިގްރޭޝަންގެ ޓީމަށް 49 ޕޮއިންޓު ކާމިޔާބު ކޮށްދިން އަހުމަދު އިފްސާހް ރަޝީދެވެ. އަދި މެޗުން ބަލިވެ، ރަނަރަޕް ހޯދި އެމްއެންޑީއެފްގެ ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިން ކުޅުންތެރިޔަކީ މުހައްމަދު މަހުދީ އެވެ. އޭނަ ވަނީ ބަޔަށް 38 ޕޮއިންޓު ހޯދައިދީފަ އެވެ.

ފައިނަލް މެޗަށްފަހު ފުރަތަމަ ޑިވިޝަންގެ ވަނަތަކަށް ދިޔަ ޓީމްތަކާއި ކުޅުންތެރިންނަށް އިނާމާއި ހަނދާނީ ލިއުން ދެއްވީ މެޗުގެ ޝަރަފްވެރި މެހެމާން އަހުމަދު ސަމީރެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޗެމްޕިއަން އިމިގްރޭޝަންގެ އަފްސާން ރަސީދު، އެމްއެންޑީއެފްގެ މުހައްމަދު މަހުދީ، އިމިގްރޭޝަންގެ އަހުމަދު އިފްސާހް، އެމްއެންޑީއެފްގެ އަލީ އިސާމް އަދި ޖީއެމްއާރުގެ މުހައްމަދު ކުވައިލިދެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ޓީމްތަކަކީ ޖީއެމްއާރް މާލޭ އިންޓަނޭޝަނަލް އެއާޕޯޓާއި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސަސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ.