މާލޭ ސިޓީ ކަައުންސިލްގެ އެއްވެސް ވަޒީފާއަކަށް ދެން ބިދޭސީން ނުނަގާނެކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމެއްގައިކަމަށެވެ. އެ ނިންމުމާއެކު މިހާރު ކައުންސިލްގެ ބިދޭސީ މުވައްޒަފުން މަދުކޮށް އެ ވަޒީފާތަކަށް ދިވެހިން ނަގަން ނިންމާފައިވާކަމަށް މުއިއްޒު ވިދާޅުވިއެެވެ.

"މިގޮތުން ވަޒީފާ ދޭއިރު، ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށްވަނީ ކައުންސިލްއިން ނިންމާފައި،" މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ސިލްސިލާކޮށް މާލޭގެ ހުރިހާ އަވަށްތަކުގެ ރައްޔިތުންނާ އެއްކޮށް ބޭއްވި ބައްދަލުވުންތަކުގައި ޒުވާނުންގެ ފަރާތުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް އެދި މުއިއްޒުއަށްވަނީ ދަންނަވާފައެވެ.

އެއާއެކު މީގެ ކުރިން "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ.

"ބައެއް މަޝްރޫތައް ރޭވޭތޯ މި ބަލަނީ، ޒުވާނުންނަށް އިންކަމެއް ލިބި، ވަޒީފާ ލިބޭނެފަދަ،" މުއިއްޒު ވިދާޅުވިއެވެ.

އެއާއެކު މާލޭގެ ޒުވާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.