14 Oct 2021, 20:12
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، "މަސްޖިދު މުހައްމަދު" މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
އެމަނިކުފާނު މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، މިއަދު ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދު ރައީސް، ހުޅުއްވައިދެއްވި "މަސްޖިދު މުހައްމަދު" މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި އިމާރާތްކޮށްފައިވާ، 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މިސްކިތުގައި އަންހެނުންނަށް ހާއްސަކޮށް ނަމާދުކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.
އެ މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.
ރައީސުލްޖުމްހޫރިއްޔާ، މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި މިއަދުގެ އަސުރު ނަމާދު ވަނީ ކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަހްމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.