ސިޔާސީ ތައައްސުބުން އެއްކިބާވެ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ގާނޫނީ ގޮތުން އަދާކުރަންޖެހޭ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަށް ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑު އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ މަނިކުފާނާ އެމަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އެމްޑީޕީއަށް ތާއީދުކުރާ ބަޔަކު ސުލްހަވެރިކަމާއެކު އިހުތިޖާޖް ކުރަމުން ދަނިކޮށް، ދިފާއީ ބާރުތަކުން ހިންގި އަމަލްތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެދުވަހު ހިނގާދިޔަ ކަންތައްތަކާ ބެހޭ ގޮތުން އެޗްއާރުސީއެމުން މިހާތަނަށް އެއްޗެއް ބުނެފައި ނުވާކަން ފާހަގަކޮށް، އެކަންތައް ވެސް ވަނީ އެޕާޓީން ކުށްވެރިކޮށްފަ އެވެ.

އެމްޑީޕީން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ދުވަހާއި ޖެހިގެން އައި ދުވަހު ސިފައިންނާ ފުލުހުން ނުކުމެ އެޕާޓީއަށް ތާއީދުކުރާ ގިނަ ފަރާތްތަކަކަށް މާލޭގައި ބޮޑެތި އަނިޔާތަކެއްކޮށްފައިވާ މައްސަލަ އެޗްއާރުސީއެމަށް ވާނީ ހުށަހަޅާފަ އެވެ. އަދި އެދުވަހު ފުލުހުންނާއި ސިފައިން ހިންގި އެއަމަލްތައް ތަހްގީގްކޮށްދިނުމަށް ވެސް ހުށަހަޅާފައިވާނެ އެވެ.

އެމްޑީޕީން ބުނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުން ގެންދާ ލާއިންސާނީ އަމަލްތައް ކުށްވެރިކޮށް އެޗްއާރުސީއެމުން އެމައްސަލަ ބަލާ އެ ތަހްގީގްތައް ކުރިއަށް ގެންދާކަން އާއްމުކޮށްފައި ނުވާއިރު އެ އަމަލްތައް ހިންގި އެއްވެސް ފަރާތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަލާމަތީ ބާރުތަކަށް އެފަދަ އަމަލްތައް ތަކުރާރުކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށްވެސް އެބަޔާނުގައިވެ އެވެ.

ނަމަވެސް އެޗްއާރުސީއެމްގެ ރަސްމީ ވެބްސައިޓްގައި ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް އެކޮމިޝަނުން ބަދަމުންގެންދާކަން ވަނީ ބަޔާންކޮށްފަ އެވެ.

އެގޮތުން ގާނޫނީ އަސާސީގެ އިމުން ބޭރުން ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ ގާޒީ ސިފައިން ހައްޔަރުކޮށް، ނިޒާމުގެ ތެރެއިން ގެއްލުވާލި މައްސަލައާއި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން ހިނގަމުންދާ ކަންތައްތައް ވެސް ބަލަމުން ގެންދާ ކަމަށްވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.