29 Feb 2012, 13:27
ސިޔާސީ ޕާޓީތަކުގެ މެދުގައި މިހާރު ކުރިއަށްގެންދާ މަޝްވަރާތަކުގެ ސަބަބުން، މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސުލްހައިގެ ވާހަކަތަކަށް އެމްޑީޕީން ހުށަހެޅި އަވަސް އިންތިޚާބެއް ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގެ މަޝްވަރާ ވެސް ހިމެނޭގޮތަށް އެކުލަވާލެވުނު ހަތް ޕޮއިނޓްގެ އެޖެންޑާ ރައީސުލްޖުމްހޫރިއްޔާ ވަކިން ޚާއްޞަކޮށް ފާހަގަކުރައްވައެވެ.
ރައީސް އޮފީހުން ބުނީ ޤައުމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި، މަޝްވަރާތަކުން މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކަށް އިތުރު ކުރިއެރުންތަކެއް ހޯދުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ބާރުއަޅުއްވާ ކަމަށާއި ދުސްތޫރީ ހަމަތަކުގެ މައްޗަށް ބިނާކުރެވިފައިވާ ޑިމޮކްރެޓިކް ވެށްޓެއް ޤާއިމްކުރެވޭނެ ނަތީޖާތަކެއް ނެރެވޭފަދަ ގޮތަކަށް މި މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ރައީސް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މަޝްވަރާތަކަށް މަރުހަބާ ވިދާޅުވި އިރު ސިޔާސީ ޕާޓީތަކުގެ މެދުގައި ރޭ ކުރިއަށްދިޔަ ވާހަކަތަކުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާޖަން މަތާއީ ބައިވެރިވެ ވަޑައިގަތުމުން ޕާޓީތަކުގެ ހިޔާލު ތަފާތުވެ މަޝްވަރާތައް ޖެހުނީ ހުއްޓާލާށެވެ.
މަތާއީ ރޭގެ މަޝްވަރާތަކަށް ވެލާނާގެ އަށް ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން މަޝްވަރާތަކުގެ ވިލަރެސް ވެރިޔާ އަހުމަދު މުޖުތަބާ ވިދާޅުވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ އެ ބައްދަލުވުމުގައި ފާޅުކުރެއްވީ ރާއްޖޭގެ މަސްރަހު ހައްލުކުރުމަށް އިންޑިއާގެ ނަޒަރުގައި ދެކޭ ގޮތްތަކެއްގެ ވާހަކަތައް ކަމަށެވެ. އަދި އެވާހަކަތަކާ ގުޅިގެން ބައެއް ބޭފުޅުން "ހިތްހަމަޖެހިވަޑައިނުގެން" އުޅުއްވި ކަމަށެވެ.
ރޭގެ މަޝްވަރާތަކަށް ފަހު ނަން ނުޖެހުމަށް އެދި ސަން އޮންލައިނަށް ވާހަކަ ހިއްސާ ކުރެއްވެވި ބައެއް ބޭފުޅުން ވިދާޅުވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ރިޔާސީ އިންތިހާބު ޑިސެމްބަރު މަހު ތެރޭ ބާއްވާ ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް މަސްދުވަހެއްގެ ތެރޭގައި ގެނައުމަށް ކަރުދާހެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެމްޑީޕީ ފިޔަވާ ހުރިހާ ޕާޓީތަކުން ވަނީ ފޮރިން ސެކްރެޓަރީގެ ވާހަކަތަކަށް ދެކޮޅުހެދި ކަމަށާއި އެ ހިސާބުން މަސްރަހު ހޫނުވެ ޕާޓީތަކުގެ މަންދޫބުންނާއި ފޮރުން ސެކްރެޓަރީ އާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ހިނގި ކަމަށެވެ.
ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވި އެ ބައްދަލުވުމާ ގުޅޭގޮތުން ފޮރިން ސެކްރެޓަރީ އެއްވެސް އެއްޗެއް ވިދާޅެއް ނުވި އެވެ. ބައްދަލުވުމުން ނުކުންނެވި ވަގުތު ފޮރިން ސެކްރެޓަރީއަށް ސަން އޮންލައިނުން ސުވާލު ދެންނެވުމުން ނުރުހުންވެ ހުންނަވައި ވިދާޅުވީ "ފަހަރުގައި މާދަމާ ކޮމެންޓެއް ދެއްވިދާނެ" ކަމަށެވެ.