29 Feb 2012, 13:12
އެމްޑީޕީ މެންބަރުންގެ ދަފުތަރު ހޯދަން އެމްޑީޕީން އިލެކްޝަން ކޮމިޝަނުގައި އެޕާޓީން މިއަދު އެދެފި އެވެ.
އެމްޑީޕީން ނެރިފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީ މެންބަރުގެ ގޮތުގައި މިހާރު ތިބި މެންބަރުންގެ ދަފުތަރު ހޯދަން އިލެކްޝަން ކޮމިޝަނުގައި އެދުނީ ޕާޓީގެ ރިޔާސީ ޕްރައިމަރީ އިންތިހާބެއް ބޭއްވުމުގެ 30 ދުވަސް ކުރިން ވޯޓް ހައްގުވާ ފަރާތްތަކުގެ ދަފްތަރެއް އާންމުކޮށް އިއުލާންކުރަންޖެހޭތީ ކަމަށެވެ.
އެމްޑީޕީ ޕްރައިމަރީ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަ ޖައްސާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް އެ ޕާޓީގެ މެންބަރުނަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާގޮތުން ޕްރައިމަރީއަށް ކުރިމަތި ލެއްވީ އެންމެ ކެންޑިޑޭޓަކަށް ވެއްޖެ ނަމަ އެބޭފުޅަކު މަދުވެގެން ވޯޓުލާ މީހުންގެ 10 ޕަސެންޓް ތައީދު ހޯދަންޖެހެ އެވެ.
އެމްޑީޕީގައި މިހާރު 47000 އަށް ވުރެ ގިނަ މެންބަރުން ތިބެ އެވެ. އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީ އެވެ.