13 Oct 2021, 21:04
ގާނޫނެއް ހެދުމަށްފަހު އެ ގާނޫނެއް އެކަށީގެންވާ ގޮތެއްގައި ތަންފީޒުނުކުރެވޭނަމަ ގާނޫނު ހެދުމުގެ މަގްސަދު ހާސިލުނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަވޯޓާ ޝަރީފް ވިދާޅުވީ ރާއްޖޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބައެއްް ގާނޫނުތައް ފާސްކުރުމަށްފަހު ފަހު ވެސް އެ ތަންފީޒުނުކުރެވުން ކަމަށެވެ.
"ގާނޫނެއް ފާސްކުރުމަކުން އެ ހިސާބުން އަދި ނިމުނީއެއްނޫން. ގާނޫނު އަކުރުން އަކުރަށް އޭގެ މަގްސަދު ހާސިލްވާ ގޮތަށް ތަންފީޒުކުރަން ޖެހޭ. ގާނޫނެއް ތަންފީޒުވެގެން ނުދާނަމަ އެ ގާނޫނުގެ މަގްސަދެއް ހާސިލެއް ނުވާނެ. އެ ގާނޫނު ފާސްކުރުމުގެ ބޭނުން ގެއްލިގެންދާނެ،" މަވޯޓާ ވިދާޅުވިއެވެ.
މަވޯޓާ ވިދާޅުވީ ގާނޫނުތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ހަރުދަނާ އުސޫލެއްްގެ ތެރެއިން އެ ކަންކަން ޔަގީންކުރުމަށް އޭނާ ގޮވައިލިއެވެ.
އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން މަވޯޓާ ވިދާޅުވީ އެ ބިލަކީ މުހިންމު ބިލެއްކަމަށެވެ. އަދި ސަރުކާރުން އެ ބިލަށް ހުށަހަޅާ އިސްލާހުތަކަށް ފުރިހަމައަށް ތާއީދުކުރާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ބިލުގެ ސަބަބުން ދިވެހީންގެ ނަމުގައި ބޭރު މީހުން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ވެސް ފަސޭހަވެގެންދާނެކަމަށެވެ. އަދި ގަވާއިދާ ހިލާފަށް ހިނގާ ކަންކަން ހައްލުކުރުމަށް އެކަށީގެންވާ ބާރުތަކެއް ލިބިގެންދާނެކަމަށެވެ.
"ހަމަ އެހެންމެ ގަވާއިދާ ހިލާފަށް ކުރާ އެކި ކުދި ވިޔަފާރިތައް ދިވެހީންގެ އަތުން ބީވެގެން ދަނީ މި އެކީ ކަހަލަ ގޮތަކަށް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ކަން ހައްލުކުރުމަށް ޓަކައި އޮތީ ދެ ގޮތެއްކަމަށެވެ. އެއީ ގާނޫނުން އެކަން ހުއްދަކުރުންކަމަށާއި ނުވަތަ އެ ކަން ހުއްޓުވުންކަމަށް ވިދާޅުވިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ވަނީ މި ގާނޫނަށް ގެންނަ އިސްލާހުގެ ބިލާ ގުޅޭ ގޮތުން ބަހުސްކުރައްވާފައެވެ. އަދި ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެ ބިލަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ.