ބެލެނިވެރިން އެދެމުންދާތީ ލުޔެއް ދިނުމުގެ ގޮތުން ނުރައްކާތެރި ތިން ކުށްވެރިޔަކު މިއަދު ކްރިމިނަލް ކޯޓުން ގޭބަންދަށް ބަދަލުކޮށްފި އެވެ.

ފަނަރަ ދުވަހަށް މިއަދު ގޭބަންދަށް ބަދަލުކުރި ނުރައްކާތެރި ކުށްވެރިންނަކީ މ. ކޮޅުފުށީ ޒަހީރާ މަންޒިލް، އަހުމަދު ޝިރުހާން ޝަމީމް އާއި ހ. ހަމަރޯޅި، ރިލްވާން ފަރުހަތު އަދި ގއ. ދާންދޫ ދިލްކަޝްވިލާ، ހައުޒާން ނިޒާމް އެވެ.

މި ތިން މީހުން މިހާތަނަށް ފުލުހުންގެ ހައްޔަރުގައި ބައިތިއްބާފައި ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަކާއި ގުޅިގެންނެވެ.

މި ތިން މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރީ، އެމީހުން ބަންދުގައި ގިނަ ދުވަސްތަކެއް ވާތީ އެމީހުންނަށް ލުޔެއް ހަމަޖައްސައިދެވޭތޯ ބެލެނިވެރިން ކޯޓުގައި އެދުމުން ކަމަށެވެ.

ގާޒީ ވިދާޅުވީ އެމީހުންގެ ކުށުގެ ރެކޯޑެއް އޮތްކަން މިހާތަނަށް އެނގެން ނެތުމުން، 15 ދުވަހަށް ގޭބަންދަށް ބަދަލުކުރަން ނިންމެވީ ކަމަށެވެ. އަދި ގޭބަންދުގައި ތިބޭއިރު ރަށުތެރެއަށް ނުކުމެގެން އުޅެންޏާ އަނެއްކާވެސް އެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހިދާނެކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ފަނަރަ ދުވަހަށް ގޭބަންދަށް ބަދަލުކުރުމާއެކު އެމީހުން ވަނީ ގާޒީއަށް ޝުކުރު އަދާކޮށްފައެވެ. އެތިން މީހުން ތިބީ ވަރަށް ބޮޑަށް ހެވިފައެވެ.

"ޝުކުރިއްޔާ، ވަރަށް ބޮޑަށް ޝުކުރިއްޔާ!" އުފަލުން ހެވިފައި ތިބެ ތިން މީހުން އެކުގައި ބުންޏެވެ.

އެ ތިން މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާ އަކީ ނުރައްކާތެރި ހަތިޔާރެއް ހިފައިގެން ޣައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާއެވެ. އެ ތިން މީހުންގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބެނީ ހ. އަގި އަސީލު އިސްމާއިލް އާއި ގއ. ވިލިނގިލީ ހިތިލާގޭ މުހައްމަދު ނައްވިރުގެ މައްޗަށެވެ.

ދައުލަތުން އެ މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނަނީ އެ މައްސަލާގައި ހިމެނޭ އަސީލުއަށް ޑިސެމްބަރު 18 ،2010 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހަމަލާދިނުމަށް ފަހު އޭނާ ފަހާ ދުވަމުން މަޖީދީމަގުން ގޮސް ނިރޮޅުމަގަށް އެޅި އިރު އެ މީހުންގެ އަތުގައި ތޫނު ހަތިޔާރު ހުރި ކަމަށެވެ.

ދައުލަތުގެ ވަކީލު ކުރިން ވިދާޅުވެފައި ވަނީ އެ މީހުންގެ މާރާމާރީއާ ގުޅިގެން ދައުވާ ކޮށްފައި ނުވަނީ އެ ދައުވާ ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ ކަމަށެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ގިނަ ދުވަސްތައް ގިނަދުވަސްތަކަކަށް ފަހު މިދިޔަ މަހުގެ 11 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ޝެޑިއުލްކުރި ނަމަވެސް ހެކީން ހާޒިރު ނުވުމުން ޝަރީއަތް ވަނީ ކެންސަލް ކޮށްފައެވެ.

އެދުވަހު ޝަރީއަތް ކެންސަލް ކުރުމުން އެމީހުން ވަނީ ހިތްހަމަނުޖެހިގެން ކޯޓުތެރޭގައި އަޑުގަދަކޮށް ހަމަނުޖެހުން ވެސް ހިންގާފައެވެ.

އެ މައްސަލައިގައި ހިމެނޭ އަސީލުގެ މައްޗަށް މިދިޔަ އަހަރު ވަނީ ކަތިވަޅިއަކުން މީހަކަށް ހަމާލާދިން މައްސަލައިގައި ހަތް އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. އަދި ނައްވިރު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ހައުޒާމް އަކީ ގަވާއިދާއި ޚިލާފަށް ރާއްޖެ އަށް ބަނގުރާ އެތެރެކޮށް، ގެންގުޅުމުގެ ކުށް ސާބިތުވެ 1000ރ. އިން ޖޫރިމަނާކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.