13 Oct 2021, 14:45
ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ޔޫނުސް ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ BC0642839އެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަ ޔޫނުސް އަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށް ވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ މީހެއް ކަމަށެވެ.
ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނަށް، މި މަހުގެ 30 ވަނަ ދުވަހުގެ 14:00ގައި ޔޫނުސް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ފުލުހުން ވަނީ ޔޫނުސްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން ނަންބަރު: 9790111 އަށް ގުޅައިގެން ހިއްސާ ކުރުމަށް އެދިފައިއެވެ.