29 Feb 2012, 12:42
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އައްޑު އަތޮޅަށް ވަޑައިގަތުމުން އެ އަތޮޅުގެ މެޖިސްޓްރޭޓުން ތިއްބެވީ ނަފުސާނީ ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް އިޝާރާތްކޮށް މެޖިސްޓްރޭޓަކު ރައީސް އަރިހުގައި ދެންނެވި އެވެ. "އަޅުގަނޑުމެން މެޖިސްޓްރޭޓުން މިތިބީ ހުޅުޖެހުމުގެ ހާދިސާއަށް ފަހު ނަފުސާނީ ގޮތުން ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތްކުރަމުން އައި ކޯޓްތަށް އަންދާލާފައިވަނީ ވަރަށް އިހާނެތިކޮށް ސެކިއުރިޓީއަށް ބިރުދެއްކުމަށް ފަހު އެމީހުން އެތަންތަނުން ބޭރުކޮށްލުމަށް ފަހު. އަޅުގަނޑު ސިފަކުރާގޮތުގައި ހިންގާދިޔަ ކަންކަން ހިންގާފައިވަނީ އިސްރާއިލް މީހުންގޮސް ފަލަސްތީނު މީހުން ގޯތިގެދޮރުން ނެރެ އެތަންތާގައި ހުޅުޖެހިގޮތަށް. އެހެންވީމަ ފުރަތަމަ އަޅުގަނޑުމެންނަށް ކައުންސިލިނގް ދިނުން ވަރަށް މުހިންމު،"
މިމަހުގެ އަށްވަނަދުވަހު އައްޑޫގެ ހިތަދޫގައި ހުންނަ ޕޮލިސް ޓްރޭނިން ސްކޫލާއި ހިތަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކާއި ގަން ޕޮލިސް ސްޓޭޝަނާއި މަރަދޫ، ފޭދޫ، ހިތަދޫ އަދި ހުޅުދޫ މެޖިސްޓްރޭޓް ކޯޓުތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަންދާލާފަ އެވެ. އެންމެ ބޮޑު ގެއްލުމެއް ވެގެންދިޔައީ ކޯޓްތަކަށެވެ. މަރަދޫފޭދޫ ކޯޓް ފިޔަވާ ހުރިހާ ކޯޓްތަކެއް ހުޅުޖަހާފައިވަނީ އެކޯޓްތަކުގައި ރައްކާކޮށްފައިވާ ލިޔުންތަކާއި އެއްޗެހި ފުންޏަކަށް ޖެހުމަށްފަހު އެވެ. އެހުރިހާ ލިޔެކިޔުންތަކާއި ކޮމްޕިއުޓަރު ސިސްޓަމްތަށް ވެސް ވަނީ އަނދާ އަޅިއަށް ވެފައެވެ.
ބިރުވެރި އެ ހާދިސާތަކަށްފަހު އައްޑޫގެ ކޯޓްތަކުގެ މެޖިސްޓްރޭޓުން ތިއްބެވީ މާޔޫސްވެ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރައީސް ވަހީދު މަރަދޫ ފޭދޫ ކޯޓު ބައްލަވާލަން ވަޑައިގަތުމާއި މެޖިސްޓްރޭޓުން ރައީސް އަރިހުގައި ދެއްކެވި އެއް ވާހަކައަކީ ހާދިސާއިން ލިބިފައިވާ ނަފުސާނީ ގެއްލުންތަކުގެ ވާހަކަ އެވެ. ވިދާޅުވަމުން ގެންދެވީ ނަފްސާނީ ގޮތުން ކޮށްފައިވާ އަސަރުތަކަށް ވަރަށް އަވަހަށް ކައުންސިލިން ބޭނުންފުޅުވާ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑު މިހާރު މިމަގާމުގައި ހުރުމުގެ އެއްވެސް މާނައެއްނެތް. ރައްޔިތަކަށް ހިދުމަތް ދޭނެ ގޮތެއްވެސް ވިސްނާ ވިސްނާވެސް އަޅުގަނޑުގެ ބުއްދިއަކަށް ނުވިސްނުނު. ޝަރީއަތްތަށް ކިހިނެއްތޯ ކުރިއަށް ގެންދާނީ ހައްގުތަށް ކިހިނެއްތޯ ހޯދައިދޭނީ. އަޅުގަނޑު މިހާރު މަގާމުން އިސްތިއުފާ ދޭންވެސް ހިތަށް އެބައަރާ،" ފެންކަޅިވެފައިވާ މެޖިސްޓްރޭޓަކު ވިދާޅުވިއެވެ. ރައީސާ ވާހަކަފުޅު ދެއްކެވި އިރު ބައެއް މެޖިސްޓްރޭޓުން ރުޔެވެ.
ހުޅުމީދޫ ކޯޓުން ރައީސާ ވާހަކަ ދެއްކެވި މެޖިސްޓްރޭޓް ވެސް ދެއްކެވީ އެއްވާހަކަތަކެކެވެ. އޭނާ ވެސް ހުންނެވީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެކަން ވަރަށް ރަނގަޅަށް މޫނުމަތިން ފެނުނެވެ. މުޅިން ވެސް ވިދާޅުވީ ދެން ރައްޔިތުންނަށް އެ ހިދުމަތް ފޯރޮކޮށްދޭނެ ގޮތަކާއި މެދު ފިކުރު ބޮޑުވެފައިވާ ކަމަށެވެ.
މެޖިސްޓްރޭޓުންގެ ވާހަކަތުން އައްޑޫގެ ކޯޓްތައް އަންދާލުމުގެ ކުރިން ވެސް އެކިފަހަރުމަތިން ބަޔަކު ދިޔައީ އެކި ސިފަ ސިފާގައި ދިމާކުރަމުންނެވެ. އެގޮތުން ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރުދެއްކުމާއި ބައެއް ކޯޓުތަކުގެ މެޖިސްޓްރޭޓުންނަށް ބިރުދެއްކުމުގެ އިތުރުން އެފަރާތްތަކުގެ ގެދޮރަށާއި މުދަލަށްވެސް މީގެކުރިން ގެއްލުންތައް ދެމުން ދިޔަ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.
މެޖިސްޓްރޭޓުން ވިދާޅުވަމުން ގެންދެވީ ނަފުސާނީ ގޮތުން ލިބުނު ގެއްލުންތަކުގެ އިތުރުން އެތައް ބައެއްގެ ހައްގުތައް ހުޅުޖަހާ އަންދާލުމުން އެތައް މައްސަލައެއްގެ ފައިލްތައް އަދައިގެން އިއާދަނުކުރެވޭ ވަރު ގެއްލުން ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯޓުތަކުގައި ރެޖިސްޓްރީކުރެވިފައިވާ ވަރި ކައިވަނިތާކާއި ބެހޭ ރެޖިސްޓްރީތަކާއި ގޯތިގޯއްޗާއި ބިންބިމުގެ ރެޖިސްޓްރީ އާއި، ހިބަ އާއި ވާރުތަ މުދަލާއި ބެހޭ މައުލުމާތުތަކާއި އެކިއެކި މައްސަލަތަކުގެ ނިންމުންތަކާއި އެތަށް އެތަށް ބައިވަރު ލިޔުންތަކެއް ވަނީ އަންދާ އަޅިއަށް ހަދާލާފަ އެވެ.
"ތިޔައިން އެއްވެސް ބޭފުޅަކު އެތަން އަދި ބައްލަވާނުލައްވާ ކަމަށްވާނަމަ، ވަޑައިގެން އެތަން ބައްލަވާލައްވާ! އެތަން ފެނުނު ކޮންމެ މީހެއްގެ ލޮލުން ކަރުނަ އަޅާނެ. ހެޔޮނުވާނެ، އެވަރުގެ ކަމެއް ކުރާކަށްވެސް. ހެޔޮނުވާނެ، އެވަރުގެ ކަމެއް ކުރުވާކަށްވެސް. މި ރާއްޖޭގެ ރައްޔިތުންނަކަށް އަދި ނޭނގޭ، މިފަދަ ޖަރީމާ އެއްކަމެއް،" ރައީސް ވިދާޅުވިއެވެ.
އައްޑޫގެ އަލިފާނުގެ ހާދިސާއަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިނުވާ ވަރުގެ ބޮޑު އަލިފާނުގެ ހާދިސާއެއްކަމަށް އެރަށުގެ މީހުން ވަނީ ބުނެފައެވެ. އެ އަލިފާނުގެ ހާދިސާތަކަށް ފަހު އެމީހުންވަނީ މާޔޫސްވެފައެވެ. ކޯޓްތަކުގެ މެޖިސްޓްރޭޓުންނަށާއި މުޅިއައްޑޫގެ ރައްޔިތުންނަށް ކައުންސިލިން ވަނީ ބޭނޫން ވެފައެވެ.