13 Oct 2021, 13:33
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ނުވަތަ "ވާނުވާ" ބަންދު ޖަހައިފައި މިހާރު ތިބި ހުރިހާ ގައިދީންގެ ޝަރީއަތް ނިމެންދެން އެ މީހުންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން މޮނިޓާކުރުމަށް މަޖިލީހުން ފާސްކޮށްފިއެވެ.
"ވާނުވާ" ބަންދުގައި ތިބޭ ގައިދީންނަށް ލިބެން ޖެހޭ ބޭސްފަރުވާގެ ހިދުމަތް ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅުއްވައިފައިވަނީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.
ސިރާޖު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން އިއްޔެގެ ޖަލްސާގައި މެދު ހެންވެއިރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ވާނުވާ ބަންދުގައި ޖަލުތަކުގައި ތިބި މީހުން މަޖިލީހުން މޮނިޓާ ކުރަން ހުށަހަޅައިފައެވެ.
"މަޖިލީހުގެ ކޮމިޓީއަކުން މި ކަން ބަލަމުން، މިތިބަ 370 މީހުންގެ މައްސަލަ ބަލައި ނިމެންދެން އެކަންކަން މޮނިޓާ ކުރަމުން ވިހާ ވެސް އަވަހަކަށް ދާނޭ ގޮތަކަށް. " އަލީ އާޒިމް ވިދާޅުވިއެވެ.
ކޮމިޓީއަކަށް ފޮނުވައިގެން މޮނިޓާ ކުރުމަށް އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވަނީ ތާއީދުކުރައްވައިފައެވެ.
ސިރާޖުގެ މައްސަލައަށް އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްކުރަން މަޖިލީހުގައި ނެގުނު ވޯޓުގައި އެ ހުށަހެޅުމަށް ތާއީދުކޮށް ހާޒިރުވެ ތިއްބެވި 44 މެންބަރުންގެ ތެރެއިން 43 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ. ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ދެއްވައިފައެއްނުވެއެވެ.
މި ހުށަހެޅުން ފާސްވުމާއެކު އެ މަސައްކަތް ކުރިއަށް ގެންދާނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނެވެ.
ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުން ގިނަ ދުވަސްތަކެއް ވަންދެން "ވާނުވާ" ބަންދުގައި ތިބެން ޖެހޭ މައްސަލަ ހައްލު ކުރުމަށް މިދިޔަ އަހަރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވަނީ އިސްލާހެއް ގެނެސްފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައި ބުނަނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުކުރަން ފަނޑިޔާރު ނިންމައިފި ނަމަ، ކޮންމެ 30 ދުވަހަކުން އޭނާގެ ބަންދު ރިވިއު ކުރުމުގެ އަޑުއެހުމެއް ބާއްވަން ވާނެ ކަމަށެވެ.
އެ މައްސަލައާ ބެހޭ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕީޖީން މަޖިލީހަށް ހުށަހެޅި ރިޕޯޓެއްގައި ވަނީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގާނޫނަށް ގެނައި އިސްލާހުން އެދެވޭ ނަތީޖާތަކެއް ހާސިލުކުރެވޭ ކަމަށެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މައްސަލައަށް ފާހަގަކުރެވޭ ފަދަ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ޕީޖީން ލަފާކޮށްފައިވެއެވެ.